ފުލުހުންގެ ހިދުމަތް ލާމަރުކަޒީ ކުރުމުގެ ގޮތުން، ފުލުހުން ހިދުމަތް ދިނުމަށްޓަކައި މައިގަނޑު ހަ ސަރަހައްދެއް ކަނޑައަޅައި، އެ ސަރަހައްދުތަކަށް ރީޖަނަލް ކޮމާންޑަރުން އައްޔަނު ކޮށްފިއެވެ.

ރީޖަނަލް ކޮމާންޑަރުން އައްޔަނުކޮށް، އިސްކަންދަރު ކޮށީގަ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ފުލުހުންނާއި މަގާމުގެ ލިއުން ހަވާލުކުރެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ފުލުހުންގެ އެހެނިހެން އިސް އޮފިސަރުން ބައިވެރިވެ ވަޑައިގަތެވެ.

ރީޖަނަލް ކޮމާންޑަރުންނާއި އައްޔަނު ކުރި ސަރަހައްދުތައް

  • މަތި އުތުރު ސަރަހައްދު: ޗީޕް ސުޕްރިންޓެންޑެންޓު މުހައްމަދު ޝިހާމް
  • އުތުރު ސަރަހައްދު: ޗީޕް ސުޕްރިންޓެންޑެންޓު މޫސާ އަލީ
  • މެދު އުތުރު ސަރަހައްދު: ޗީޕް ސުޕްރިންޓެންޑެންޓު އަބްދުﷲ ސަތީހު
  • މެދު ދެކުނު ސަރަހައްދު: ޗީޕް ސުޕްރިންޓެންޑެންޓު ހުސައިން ރަޝީދު
  • ދެކުނު ސަރަހައްދު: ޗީފް ސުޕްރިންޓެންޑެންޓު އަހުމަދު ޝަމީމް

މިފަހުން ފާސްކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން، ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް ދިނުމަށްޓަކައި އިދާރީ ގޮތުން އިންތިޒާމު ކުރެވިފައިވާ ގޮތް ޕޮލިސް ކޮމިޝަނަރުގެ މަޝްވަރާ އާ އެކު ހޯމް މިނިސްޓަރު ކަނޑައަޅުއްވާއިރު، ފުލުހުންގެ ހިދުމަތް މައިގަނޑު ގޮތެއްގައި އިންތިޒާމްވެގެންވާ ހަ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.

ފުލުހުންގެ ހިދުމަތް އިންތިޒާމުވެގެންވާ ހަ ސަރަހައްދު

  • ކެޕިޓަލް (ގްރޭޓާ މާލެ ސަރަހައްދު)
  • މަތި އުތުރު (ހއ، ހދ، ށ އަތޮޅު ހިމެނޭ ސަރަހައްދު)
  • އުތުރު (ނ، ރ، ބ، ޅ އަތޮޅު ހިމެނޭ ސަރަހައްދު)
  • މެދު އުތުރު (ކ، އއ، އދ، ވ އަތޮޅު ހިމެނޭ ސަރަހައްދު)
  • މެދު ދެކުނު (މ، ފ، ދ، ތ، ލ އަތޮޅު ހިމެނޭ ސަރަހައްދު)
  • ދެކުނު (ގއ، ގދ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ސަރަހައްދު)

މީގެ ކުރިން ފުލުހުން ހިދުމަތް ދިނުމަށްޓަކައި ބަހާލެވިފައި ވަނީ މާލެ ސަރަހައްދުގެ އިތުރުން، އިތުރު ހަތް ސަރަހައްދަކަށެވެ. ނަމަވެސް ދެކުނުގެ ހިދުމަތްދޭ ސަރަހައްދުތަކާއި މެދު ރާއްޖެތެރޭގެ މެދާއި ދެކުނުގެ އަތޮޅުތައް އެއްކޮށްލާ މިހާރު ފުލުހުންގެ ހިދުމަތް އިންތިޒާމްވެގެން ވަނީ މާލެ ސަރަހައްދުގެ އިތުރުން، އިތުރު ފަސް ސަރަހައްދަކަށެވެ.