ބަޔަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން މީހަކު ހޯދި ފައިސާއިން މުއާމަލާތް ކުރި ކަމަށް ބުނެ، ދައުލަތުން އޭނާގެ އަނބިމީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާކުރީ ގދ. ތިނަދޫގެ މީހެއް ކަމަށްވާ ރާމިޒާ އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ދައުވާ ކުރީ އޭނާގެ ފިރިމީހާ، ހަސަން ލޫތު ހައްޔަރުކޮށްފައި ވަނިކޮށް، ލޫތުގެ ފައިސާއިން މުއާމަލާތް ކޮށްފައި ވާތީއެވެ.

ރާމިޒާގެ މައްޗަށް ކުރި ދައުވާގައި، ދައުލަތުން ބުނީ އޭނާ ވަނީ ލޫތު ހައްޔަރުކުރުމާ ހަމައަށް އެކި ދުވަސް މަތިން ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށް 95،510ރ. އާއި އޭނާގެ ބީއެމްއެލް އެކައުންޓަށް 194،170ރ. އާއި ދެމަފިރިންގެ ފިރިހެން ދަރިފުޅުގެ އެކައުންޓަށް 103،370ރ. ޖަމާކޮށްފައި ކަމަށެވެ. އަދި އެ އެކައުންޓުތަކުގައި ވާ ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ޝައްކުކުރެވޭ ހާލަތުގައިވެސް އެ ފައިސާއިން މުއާމަލާތް ކޮށްފައި ކަމަށް ވެސް ދައުލަތުން ބުނެއެވެ.

އެ ދައުވާގައި ދައުލަތުން އިތުރަށް ބުނީ ފުލުހުން ރާމިޒާ އާއި ލޫތުގެ ކޮޓަރި ބަލާ ފާސްކުރިއިރު ލޮކަރެއްގެ ތެރޭ ހުރި ދަބަހެއްގައި 16،000ރ. އާއި ރަތް ކުލައިގެ ރަބަރު ކޮތަޅެއްގެ ތެރެއިން އެއް މިލިއަން ރުފިޔާ އާއި ނޫ ކުލައިގެ ފޮތި ކޮތަޅެއްގެ ތެރެއިން 450،000ރ. ފެނިފައިވާ ކަމަށެވެ.

ރާމިޒާގެ މައްޗަށް މި މައްސަލާގައި ޝައްކު ކުރެވެނީ ލޫތު މަސްތުވާތަކެތީގެ މައްސަލައެއްގަ ހައްޔަރުކޮށްފައި ވާއިރު އެ ފައިސާއިން މުއާމަލާތު ކުރުމުން ކަމަށާއި، ޑްރަގް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވޭ ކަމާ، އެ މައްސަލައިގެ ތަހުގީގުގައި ގިނަ އަދަދެއްގެ ފައިސާ އަތުލިކަން ރާމިޒާއަށް އެނގިފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.

ނަމަވެސް، ދައުވާ ސާފުތޯ ގާޒީ އަލީ އާދަމް އެއްސެވުމުން، ރާމިޒާ ބުނީ ދައުވާ ސާފު ނުވާ ކަމަށާއި، މަސްތުވާތަކެއްޗާ ގުޅޭ ވާހަކަ ދައުވާގައި އޮތް ނަމަވެސް، އެކަން އޭނާއަށް ނޭނގޭ ކަމަށެވެ.

މި މައްސަލާގައި ރާމިޒާގެ ފަރާތުން ވަކާލާތު ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހެވެ. ޝާހު ވަނީ ޔާމީނުގެ މައްސަލާގައި ފާޙަގަ ކުރެއްވި ނުކުތާތައްވެސް މި މައްސަލާގައި ފާހަގަ ކުރައްވާފައެވެ. އެ ނުކުތާތަކަކީ:

  • ރާމިޒާ ކުށް ކުރި ވަގުތު ދައުވާއިން އެނގެން ނެތުން
  • ކުށް ފެށުނު ހިސާބާއި ނިމުނު ހިސާބު އެނގެން ނެތުން
  • ކުށް ކުރުމުގެ ނިޔަތެއް ރާމިޒާގެ އޮތްކަން ދެނެގަނެވުނު ގޮތް އެނގެން ނެތުން
  • އޭނާއަށް ޝައްކުކުރެވޭ ހާލަތު ދެނެގަނެވިފައިވާ މިންގަނޑު ބަޔާންކޮށްދީފަ ނެތުން
  • ކުށް ފެށީ ކާކުތޯ އާ ކޮން ތާރީހެއް އެނގެން ނެތުން
  • ލޯންޑާ ކުރި ސީދާ ފައިސާގެ އަދަދާއި ލޯންޑާ ކުރުމަށް ކުރި އަމަލު އެނގެން ނެތުން

ޝާހު ވަނީ ލޫތު ފައިސާ ޖަމާކޮށްގެން ރާމިޒާގެ މައްޗަށް ދައުވާ ކުރެވޭނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ފިރިމީހާ އަނބިމީހާގެ އެކައުންޓަށް ޖަމާކުރާ ފައިސާ ބޭނުންކުރުން ހުއްދަ ވާނެ ކަމަށާއި، ފިރިމީހާއަށް ނޭނގި އެ ފައިސާ ބޭނުންކުރުމަށްވެސް އިސްލާމީ ޝަރީއަތުގަ ހުރަހެއް ނެތް ކަމަށެވެ.

އަދި ލޫތު އާމްދަނީ ހޯދަނީ ލޯންޗު އޮޕަރޭޓް ކޮށްގެންނާއި ގޯތި ކުއްޔަށް ދިނުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ކޮށްގެން ކަމަށާއި، ރާމިޒާ އަކީ ގުރުއާން ކްލާސް ހިންގައި، ބޭރުން މުދާ އިމްޕޯޓުކޮށްގެން ވިޔަފާރި ކުރާ މީހެއް ކަމަށް ވިދާޅުވެ، މަސްތުވާތަކެތީގެ ފައިސާ ބޭނުންކުރި ކަމަށް ދައުލަތުން ބުނާއިރު އެ ފައިސާގެ ތެރެއިން ގޯސް ފައިސާއަކީ ކޮބައިކަން ބުނެދޭން ޖެހޭނެކަމަށް ޝާހު ވިދާޅުވިއެވެ.

އެއާއެކު، ޝާހު ވިދާޅުވީ ހަގީގީ މަނީ ލޯންޑަރިންނަކީ ކަޅު ފައިސާ ދޮވުން ކަމަށާއި އާންމު ބޭނުންތަކަށް ފިރިމީހާ ދިން ފައިސާއެއް ބޭނުންކުރުމަކީ މަނީ ލޯންޑަރިންގެ ގޮތުގަ ބަލާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި ލޫތު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގަ ހައްޔަރުކުރީ ކިތައް ފަހަރުތޯ އާއި އެ އެކައުންޓުގަ ހުރި ފައިސާ ރާމިޒާ ބޭނުންކުރުމުން އޭނާގެ މައްޗަށް ދައުވާ ނުކުރީ ކީއްވެތޯ ކަމަށްވެސް ޝާހު ސުވާލު ކުރެއްވިއެވެ.

މީގެ ކުރިން ދައުވާ ސާފު ނުވި ނަމަވެސް، ރާމިޒާ ބުނީ ދައުވާގައިވާ ކަންތައްތައް ސާފުވެއްޖެ ކަމަށާއި ދައުވާތަކަށް އިންކާރު ކުރާ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ ޝާހު އެހެން އަޑުއެހުމަކަށް ދާން ޖެހުމުންނެވެ. ދެން އޮންނަ އަޑުއެހުމެއްގަ އޮންނާނީ ދެ ފަރާތުންވެސް ހެކި ހުށަހެޅުމެވެ.