ކުރިޔަށް އޮތް ދިވެހިންގެ ފުޓްބޯޅަ އީދު؛ "ސާފް ޗެމްޕިއަންޝިޕް"ގެ މިއަހަރުގެ އިންޝުއަރަންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް ކުންފުނި ސޮއިކޮށްފިއެވެ.

އެލައިޑުން ބުނީ ފުޓުބޯޅަ އެސޯސިއޭޝަނާއި އެކު ޕާޓްނާވުމަށް، މިއަދު ގަލޮޅު ސްޓޭޑިއަމްގައި ކުރިޔަށްގެންދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެލައިޑް އިންޝުއަރަންސް ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު ކަމަށެވެ.

އަދި ފުޓުބޯޅަ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށް އެލައިޑުން ބުނެއެވެ.

އެލައިޑުން ބުނީ އޮކްޓޫބަރު މަހުގެ 1-16 އަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ އެމުބާރާތުގެ އިންޝުއަރަންސް ޕާޓްނަރުގެ ހައިސިއްޔަތުން އެލައިޑް އިންޝުއަރަންސުން ޓީމުގެ ހުރިހާ ކުޅުންތެރިންނާ އޮފިޝަލުން ހިމެނޭގޮތަށް ހާއްސަ އިންޝުއަަރަންސް ޕެކޭޖެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން ކުޅުންތެރިންނަށް ދަނޑުމަތީގައި ކުރިމަތިވެދާނެ ހާނީއްކަތަކާ އެހެނިހެން ހާލަތްތައް ކަވަރު ކުރާ ގޮތަށް ތައްޔާރުކޮށްފައިވާ އެ "ގްރޫޕް ޕާސަނަލް އެކްސިޑެންޓް" އިންޝުއަރަންސް ޕްލޭންގެ ރައްކާތެރިކަން 29 ކުޅުންތެރިންނާ، 6 އޮފިޝަލުން ހިމެނޭގޮތަށް މުޅި ޓީމަށް މުބާރާތް ނިމެންދެން ލިބޭނެ ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

އެލައިޑުން ބުނީ އެ މުބާރާތުގެ ފޯރިއާ ގައުމީ ރޫހު އިތުރު ކުރުމަށް އިތުރު ކަންތައްތަކެއް ރާވަމުން ދާކަމަށެވެ.