މާލެ ސިޓީ ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ ޕީޕީއެމުން ސަސްޕެންޑް ނުކުރާކަމަށް އޭނާ ވިދާޅުވުމާ ގުޅިގެން އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެކަން ދޮގުކުރައްވައިފިއެވެ.

ނަހުލާގެ ސުލޫކީ މައްސަލައަކާ ގުޅިގެން އެ ޕާޓީގެ ސުލީކީ ކޮމިޓީއިން ދިރާސާ ކުރުމަށް ފަހު، ކުރިއަށް އޮތް 6 މަސް ދުވަހު އެ ޕާޓީގެ ޕޯޑިއަމް ހަރަކާތްތެއްގައި ނަހުލާ ބައިވެރި ނުކުރުމަށާއި ކުރިއަތް އޮތް 3 އަހަރު އެ ޕާޓީގެ އެއްވެސް އިންތިހާބެއްގައި ނަހުލާއަށް ވާދަނުކުރެވޭނެ ގޮތް ވަނީ ހަދާފައެވެ.

މިކަމާ ގުޅިގެން ނަހުލާ ވިދާޅުވީ، އޭނާ އާ މެދު ފިޔަވަޅު އެޅިކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައި ވާތީ އޭނާ އިދިކޮޅު ވަގުތީ ލީޑަރު އަދުރޭ އާ ވާހަކަދެއްކި ކަމަށާއި، އަދުރޭ ވިދާޅުވިކަމަށް ރިޕޯޓްކޮށް ދައްކާފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށް ކަމަށެވެ.

"ޕީޕީއެމްގެ އަސާސީ ގަވާއިދާ އަޅުގަނޑު ހިލާފު ވެފައެއް ނުވާނެ އަޅުގަނޑު މިދަނީ ވަގުތުވީ މިންވަރަކުން ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވަމުން، މުޒަހަރާތަކާއި ޖަލްސާތަކުގައިވެސް ބައިވެރިވަން"
މާލެ ސިޓީ ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ

އެހެންނަމަވެސް އަދުރޭ ވަނީ ނަހުލާގެ ވާހަކަ ދޮގުކުރައްވާފައެވެ. އަދުރޭ ވިދާޅުވީ ނަހުލާ ބައްދަލުކުރެއްވި ކަމަށާއި ފިޔަވަޅުތައް އަޅާފައިވާ ކަމަގެ މައުލޫމާތު މީޑިއާއަށް ދެއްވި ކަމަށް އަދުރޭ ނަހުލާއަށް ދެންނެވި ކަަމަށެވެ.

ނަހުލާ ވިދާޅުވީ އޭނާއަކީ ޕީޕީއެމް މީހެެއް ކަމަށާއި، ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި އިހްލާސްތެރި މަސައްކަތް ކުރުމުގައި ދެމިހުންނާނެ ކަމަށެވެ.