"މި މަގުގެ މެދަށް ވުރެވެސް ކަނާތު ފަޅިން ބުރަވެގެން އައިސް ޕެންޒީމާގެ ކަންމަތީގަ ހުރި ވަންވޭ ބޯޑު ޖަހާފަ ހުރި ހޮޅިދަނޑި ލަންބާލާފަ އައިސް މިފަރާތު ކަނުގަ ހުރި މަގަކީ ނުވަދެވޭ މަގެއްކަން ދައްކަންވެގެން ހުރި ބޯޑު ޖަހާފަ ހުރި ދަގަނޑު ކަނޑައިގެން ގޮސް ދަގަނޑުން އައިސް ޖެހި ބިއްލޫރި ދެ ޝީޓު ކަނޑައިގެން ދިޔައިރު ދަގަނޑު ޕޯސްޓު އޮތީ މިތާ ތެރެެއަށް ވަދެފަ."
އަލިކިލޭގެފާނު މަގުގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެ، މިއަދު މެންދުރުފަހު 12:00 ޖަހާކަށް ހާއިރު ލިލީ މަގުގައި ހުންނަ މިސްޓަ ސަބްގެ ބިއްލޫރިގަނޑުގައި ޖެހި ހިނގި ހާދިސާއާއި ބެހޭ މައުލޫމާތު "ދަ ޕްރެސް" އާ ހިއްސާ ކުރަމުން، އެ ކެފޭ ހިންގުމުގައި ހަރަކާތްތެރިވާ އިސް އެކަކު ބުންޏެވެ.
އެ ވަގުތު އެއްވެސް މީހަކު ބިއްލޫރިގަނޑު ފުނޑުފުނޑުވި ހިސާބުގަ ނެތް ކަމަށާއި، ނަމަވެސް، ބިއްލޫރިކޮޅު ބުރައިގެން ދިއުމުގެ ސަބަބުން، ފަހަތުގައި ހުރި ގޮނޑިއެއްގައި އިށީނދެ އިން ދެ އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ކުދި ޒަހަމްތައްވި ނަމަވެސް، އޭނާއަށް މާ ބޮޑު އަނިޔާއެއް ނުލިބޭތީ އެވަގުތު އެ ސަރަހައްދު ސާފުކޮށްލާފަ ހޮސްޕިޓަލަށް ދިޔައީ ކަމަށްވެސް އޭނާ ބުންޏެވެ.
"އެއްވެސް މޭޒެއް ނެތް ނުބުރާ. ހުރިހާ ގޮނޑިއެއް، ހުރިހާ މޭޒެއް އަދި ކައުންޓަރު މަތިން ގޮސް އެތާ އެންމެ ތެރެއަށް ބިއްލޫރި ބުރައިގެން ގޮސް އެބަހުރި" އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ މި ހާދިސާ ހިނގި ގަޑި ދިމާވަނީ އާންމުކޮށް އޮފީސްތަކުންނާއި އާންމުން ގިނައިން އަންނަ ގަޑިއަކަށް ކަމަށްވާތީ، ދުވަހުގެ ވިޔަފާރިއަށް ބަލާ ކަމަށް ވަންޏާ މި ހާދިސާގެ ސަބަބުން މަދުވެގެން 8،000ރ. ގެ ގެއްލުން ތަނަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ ހާދިސާ ހިނގައިދިޔަ ސަރަހައްދު، މާލޭ ސިޓީ ކައުންސިލާއި ވެމްކޯ އިން ވަނީ މިހާރު ސާފުކޮށްފައެވެ.
އަލިކިލޭގެފާނު މަގުން ދުއްވާފަ ދިޔަ މުދާ އުފުލާ ވޭނެއް ކޮންޓްރޯލް ނުވެ، މިސްޓަ ސަބްގެ ބިއްލޫރިގަނޑު ގައި ޖެހި ހިނގި މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 2:00 ހާއިރު ކަމަށާއި، އެ ހާދިސާގައި އެވަގުތު ދެ މީހަކަށް ކުދި އަނިޔާ ލިބިފައިވާ ކަމަށްވެސް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.