ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކެފޭއެއް ހިންގައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތަރައްގީ ކޮށްފައިވާ ކުޑަގިރީގައި ކެފޭއެއް ހިންގަން ކުއްޔަށް ދޭން ނިންމާފައި ވަނީ 1،541.71 އަކަފޫޓްގެ ޔުނިޓެކެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ރަށުގައި ކެފޭއެއް ހެދުމަށް 308,342 ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި ފުރަތަމަ އަހަރަށް ކުއްޔަށް ދޫކުރާނީ އަކަފޫޓަކުން އަކަފޫޓަކަށް 15 ރުފިޔާގެ ރޭޓުން ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ބިޑުގެ ޕްރީ ޕްރޮޕޯސަލް މީޓިން އޮންނާނީ އޭޕްރީލް 27 ވަނަ ދުވަހު ޒޫމް މެދުވެރިކޮށެވެ.
އެޗްޑީސީން މީގެ ކުރިން ބުނެފައި ވަނީ ކުޑަގިރި ބޭނުންކުރަން ފެށި ފަހުން މިދިޔަ ދެ އަހަރުގެ ތެރޭގައި 54،724 މީހުން ކުޑަގިރިއަށް ޒިޔާރާތްކުރި ކަމަށެވެ. މާލެއާ ކައިރި ފަޅެއް ހިއްކައިގެން ހެދި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވީ ފެބްރުއަރީ 11، 2023 ގަ އެވެ. ކުޑަގިރި ތަރައްގީ ކޮށްފައި ވަނީ ދުވާލަކު 500-600 މީހުންނަށް އެ ރަށުން ހިދުމަތް ދެވޭނެ ގޮތަށެވެ.
ކުޑަގިރީގައި ހަތް ބީޗާ އެކު 13 ހަޓު ހުރެ އެވެ. މޫދު ކުޅިވަރަށް ހާއްސަ ވަސީލަތްތަކާއި މިސްކިތަކާއި ކްލިނިކަކާއި ފިހާރަ އާއި ޕްރައިވެޓް ރޫމާއި ޗޭންޖިން ރޫމާއި ފާހަނާ ހުރެ އެވެ. އެކި ކަހަލަ ރެކްރިއޭޝަން ހަރަކާތްތައް އޮވެ އެވެ. އިވެންޓުތައް ބާއްވަން ވެސް އެ ރަށަށް ކުއްޔަށް ދެ އެވެ.
މާލެ އިން އެ ރަށަށް ދޯނި ފެރީގައި ދެވެނީ ގަޑިއެއްހާއިރުން ދެވޭއިރު މާލެ އާއި ހުޅުމާލެއިން ވެސް އެ ރަށަށް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.