ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓު ލިބުނު މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މާދަމާ ވެސް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލު ނުކުރެވިވާ ފަރާތްތަކުން، އަންގާ ގަޑިތަކުގައި، އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު، ފުރިހަމަކޮށް، ހުޅުމާލެގައި ހުންނަ ސެންތުރޯ މޯލްގެ ދެ ވަނަ ފަންގިފިލާއަށް ހާޒިރުވުމުން މައުލޫމާތު ކަށަވަރު ކުރުމަށްފަހު އެއްބަސްވުމުގައި ސޮއި ކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

އެގޮތުން ފުލެޓު ބަދަލު ކުރަން އެދި ހުށަހަޅާފައިވާ ފަރާތްތައް ފިޔަވާ ޓަވަރު H3 ،2 ،H1 އަދި H4 އިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލު ނުކުރެވިވާ ފަރާތްތަކުން ފޯމުތައް ފުރިހަމަކުރުމަށްފަހު މާދަމާ ހެނދުނު 09:00 އާއި 12:00 އާދެމެދު ހާޒިރުވުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ
  • ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓާނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުންހެކިވެރިއަކާއިއެކު ހާޒިރުވުންއަދި އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިން، HF4 - ހިޔާ 7000 މަޝްރޫޢުއިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ "ޕަވާ އޮފްއެޓާނީ" ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގެ އަސްލު ގެނައުން
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އަމިއްލަ ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާންޖަހަން ބޭނުން ކުރާ "ދެލީ ޕެޑް" ގެނައުމަކީ އެދެވިގެންވާ ކަމެއް
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި

އެޗްޑީސީން ވަނީ ސޮއި ކުރަން ހާޒިރުވާން ޖެހޭ ގަޑި އަށް ހާޒިރުވުމަށް އިލްތިމާސްކޮށްފައެވެ.