އަފްޣާނިސްތާންގައި މަރުގެ މައްސަލަތައް ސާބިތުވާ މީހުންނަށް އިސްލާމީ ޝަރީއަތާއި އެއްގޮތްވާ ގޮތުގެ މަތިން މަރުގެ ހުކުމް ތަންފީޒު ކުރަން ފެށުމަށް ތައްޔާރުވަމުން ދާ ކަމަށް އެގައުމުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތޯލިބާނުން ހާމަ ކޮށްފިއެވެ.

ތޯލިބާނުން ބުނެފައިވަނީ މަރަށް މަރުގެ އަދަބު ދިނުމާއެކު ވައްކަން ކުރާ މީހުންގެ އަތް ބުރިކުރުމުގެ ހުކުމް ވެސް ވަރަށް އަވަހަށް ތަންފީޒު ކުރެވެން ފަށާނެ ކަމަށެވެ.

އެ އެޖަމާއަތުގެ ލީޑާޝިޕްގައި ހަރަކާތްތެރިވަމުން އަންނަ މުއްލާ ނޫރައްދީން ތުރާބީ ވިދާޅުވީ އިސްލާމީ ޝަރީއާ އަފްޣާނިސްތާންގައި ގާއިމު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާ އެ ދުވަސް ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.

ކިޑްނެޕް ކުރުމުގެ ޖަރީމާ ހިންގި 4 މީހަކު ދަންޖައްސާ، އާންމުންނަށް ފެންނާނެހެން އެމީހުންގެ ހަށިގަނޑު ބަހައްޓާ، ދާދިފަހުން ކިޑްނެޕަރުންނަށް އެ ޖަމާއަތުން ވަރުގަދަ އިންޒާރެއް ދީފައިވާއިރު އޯގަސްޓް 15 ވަނަ ދުވަހު އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގި ތޯލިބާން ޖަމާއަތުން، ކްރޭންގައި އެލުވައިގެން ދަންޖައްސާފައި ވާ 4 މީހެއްގެ ހަށިގަނޑު، އާންމުންނަށް ފެންނާނެހެން ބަހައްޓާފައިވެއެވެ.

މިކަން ކުރީ ކިޑްނެޕް ކުރުން ނުވަތަ މީހުން ވަގަށް ނެގުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަން އަންގައިދިނުމުގެ ގޮތުން ކަމަށް، މި އަމަލު ހިންގި، ހީރާތު ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު، މައުލާވީ ޝީރު އަހްމަދު މުހާޖިރު ވަނީ ބުނެފައެވެ.

ކިޑްނެޕަރުންގެ ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ބޭރުވެފައި ވާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު، ދަންޖައްސާފައި ވާ އެކެއްގެ މޭ މަތީގައި، މީހުން ވަގަށް ނަގާ، ރަހީނު ކުރާ މީހުންނަށް "މިފަދައިން" އަދަބު ދެވޭނެ ކަމަށް އިންޒާރުގެ މެސެޖެއްވެސް ލިޔެފައިވެއެވެ.