ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 335,293 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 391،582 މީހުންނެވެ. އޭގެތެރެއިން 335,293 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 24 ވަނަ ދުވަހު ވެކްސިން ޖަހާފައިވަނީ އަތޮޅުތެރެއިގައި އެކަންޏެވެ. އެ ދުވަހު އަތޮޅުތެރެއިން 134 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 40 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 94 މީހެކެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ވަނީ ފަށާފައެވެ. ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިމަހު 21 ވަނަ ދުވަހު އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގާ ދިރިއުޅޭ އާބާދީގެ 85 ޕަސަންޓަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ވެކްސިން ޖެހޭ އުމުރުފުރާގެ 95 ޕަސަންޓަށް ވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ވެސް ފުރިހަމަ ވެއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގިނަ އަދަދެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅަން ވަނީ ފަށާފައެވެ. އެމްޓީސީސީ އިން ވަނީ އެމްޓީސީސީގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ހޯދާ ފަރާތްތައް ކޮވިޑް 19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވޭތޯ އެކުންފުނިން ބަލާނެ ކަމަށް ބުނެފައެވެ.