ރާއްޖޭގެ އުތުރުން މެދު ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ވައިގަދަ ވާނެ ކަމަށާއި، އެހެންކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން އިލްތިމާސް ކޮށް ޔެލޯ އެލާޓް ނެރެފިއެވެ.

މީގެ އިރުކޮޅެއް ކުރިން މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓުގައިވާ ގޮތުން، މިއަދު ހެނދުނު 7:30 އިން 11:30 އަށް އުތުރުން ފެށިގެން މެދު ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

އަދި ގަޑިއަކު 25 މޭލާއި 35 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އެއާއެކު ކަނޑުތައް ގަދަވެ، ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ ބޭ އޮފް ބެންގާލް ސަރަހައްދުގައި ރާއްޖެއާއި ވަރަށް ދުރުން ކުޑަ ވަރެއްގެ ތޫފާނެއް އުފެދެމުންދާ ކަމަށާއި، ނަމަވެސް ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި އެ ތޫފާނާއި ގުޅުމެއް ނެތް ކަމަށެވެ. އަދި ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ނަމަވެސް ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން ކަމާބެހޭ ފަރާތްތަކުގެ ލަފައާއި އިރުޝާދުގެ ދަށުން އަމަލު ކުރުމަށާއި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.