މިއަދު ކުރިއަށް ގެންދާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި މެންދުރު 12 ގެ ފަހުން ވޯޓުލުމުގެ ކަންކަން ފެށި މަރުކަޒުތަކުގެ ވޯޓުލުން އިރުއޮއްސި 6 ޖެހުމާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 9.00 ގައެވެ. ނަމަވެސް ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށި ވަގުތު ވަނީ ފަސްވެފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ބުނީ، އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބު މުޅި ރާއްޖޭގައި ހިނގަމުންދާ އިރު، ދިމާވި އެކިއެކި ސަބަބުތަކާ ހުރެ، ވޯޓު ނެގުން، މެންދުރު 12:00 ގެ ފަހުން ފެށުނު ތަންތަނުގެ ވޯޓު ލުން ނިމޭނީ 6:00 ގައި ކަމަށެވެ. ވޯޓުލުން މެންދުރު 12 ފަހުން ފެށި މަރުކަޒުތަކުގެ ކިޔުގައި 5 ޖަހާއިރު ބަޔަކު ނެތް ނަމަވެސް އެ ވޯޓު ފޮށިތައް ބަންދު ކުރާނީ އިރުއޮއްސި 6:00 ގައި ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ކިއުގައި މީހުން ތިބި ނަމަ އެމީހުން ވޯޓުލާ ނިމެންދެން ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

މި އިންތިހާބުގައި 455 މަގާމަކަށް 735 މެމްބަރުން ކުރިމަތިލާފައި ވެއެވެ. މި އިންތިހާބުގައި މެންބަރުން އިންތިހާބު ކުރާނީ ދާއިރާ، ޕްރޮވިންސް އަދި ސިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީތަކުގެ ސެކްރެޓަރީންނާއި ނައިބުންގެ އިތުރުން މީޑިއާ ސެކްރެޓަރީންނެވެ.

މި އިންތިހާބުގައި 300 އެއްހާ ވޯޓު ފޮށި ބަހައްޓާފައިވާ އިރު، 93،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ ކަމަށް އެމްޑީޕީން ބުނެއެވެ.