ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކުވޭތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު އަލް-ހަމަދް އަލް-ސަބާހް އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ، އދގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އދގެ މައި އިދާރާގައެވެ.

ރައީސް ވަނީ ކުވޭތަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ހާއްސަގޮތެއްގައި ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) މެދުވެރިކޮށް ރާއްޖެއަށް ލިބޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ކުވޭތުގެ ބޮޑުވަޒީރު ވަނީ ރާއްޖެއިން އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ކާމިޔާބު ކޮށްފައިވާތީ މަރުހަބާ ވިދާޅުވެފައެވެ. އަދި ބޮޑުވަޒީރު ވަނީ، ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ދެމިއޮތުމަށްޓަކައިވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެއާއި ކުވޭތާ ދެ ގައުމުގެ ދޭތެރޭގައި ފަތުވެރިވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގަޔާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކޯވިޑް-19 ޕެންޑަމިކްއަށް ފަހު ކުވޭތުގެ ފަތުރުވެރިން ރާއްޖެ އަންނަން ފަށާފައިވާކަން އުފަލާއެކު ފާހަގަކުރައްވާފައެވެ.