ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 333,662 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 391،309 މީހުންނެވެ. އޭގެތެރެއިން 333,662 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 21 ވަނަ ދުވަހު އަތޮޅުތެރެއިން 1004 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 79 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 925 މީހެކެވެ. ހަމައެއާއެކު މާލެއިން 285 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 77 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 208 މީހެކެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ވަނީ ފަށާފައެވެ. ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގާ ދިރިއުޅޭ އާބާދީގެ 85 ޕަސަންޓަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ވެކްސިން ޖެހޭ އުމުރުފުރާގެ 95 ޕަސަންޓަށް ވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ވެސް ފުރިހަމަ ވެއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގިނަ އަދަދެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅަން ވަނީ ފަށާފައެވެ. އެމްޓީސީސީ އިން ވަނީ އެމްޓީސީސީގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ހޯދާ ފަރާތްތައް ކޮވިޑް 19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވޭތޯ އެކުންފުނިން ބަލާނެ ކަމަށް ބުނެފައެވެ.