ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ސަބަބުން އއ. މަތިވެރީގެ އަގު ކުޑަ ވަގުތުކޮޅެއްގެ ތެރޭ ވެއްޓިގެން ހިނގައްޖެ ކަމަށް، އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިއްޔެ އިރުއޮއްސި 6:30 ހާއިރު ޖާބިރު މަތިވެރި އަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ ބަޔަކު ތިބީ އޭނާ އާ ދެކޮޅަށް ނުކުމެއެވެ. މަތިވެރީގެ ރައްޔިތުން ޖާބިރާއި ދެކޮޅަށް އަޑު އުފުލުމަށް ނުކުތީ އޭނާ އެ ރަށުން ބައްލަވައި ވަޑައިގެންފައިވާ ބިންތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނެތުމުން ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސް އިން މަތިވެރީގައި ގެސްޓްހައުސް ހިންގުމަށް އެކުންފުންޏަށް ދެ ބިމެއް ދޫކުރި އިރު، އެ ބިންތައް ވަނީ މީގެ ކުރިން އެހެން ފަރާތަކަށް 10 އަހަރުގެ މުއްދަތަކަށް ދޫކޮށްފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ، އެ ގެސްޓްހައުސް ހިންގަން ޖާބިރަށް ޓޫރިޒަމް މިނިސްޓްރީން ބިންތައް ދީފައިވަނީ ގަވާއިދާ ހިލާފަށް ކަމަށާއި ކުއްޔަށް ދިން އިރު ކައުންސިލަށް އެކަން އަންގާފައި ނުވާއިރު ޖާބިރު ދޭން ޖެހޭ ފައިސާ ނުލިބޭތީ ޓޫރިޒަމް މިނިސްޓްރީއަށާއި ރިޗް ކުންފުންޏަށް އެކި ފަހަރު މަތިން ސިޓީ ފޮނުވާފައި ވާނެ ކަމަށެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖާބިރު ވަނީ މަތިވެރީގައި އައިސިސް އަށް ނިސްބަތްވާ މީހުން ތިބިކަމަށް ތުހުމަތު ކުރައްވާފައެވެ. ޖާބިރު ވިދާޅުވީ އެ ރަށުގައި ތިބި އައިސިސް އަށް ނިސްބަތްވާ ރައްޔިތުން ހައްޔަރުކުރަން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެހެންކަމުން މިވަގުތު އެރަށަށް ދަތުރުކުރުން ރައްކާތެރިނޫން ކަމަށެވެ.

މީގެ އިތުރުން، ޖާބިރަށް އެ ރަށުގެ މީހުން އަނިޔާ ކުރިކަމަށްވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.

ކާށިދޫ ދާއިރާގެ މެމްބަރުގެ ގައިގައި ތަޅާގަތީ. މަތިވެރި ރައްޔިތުންނަށް އެނގެން ވެއްޖެއޭ އެއީ އާބާދީގެ ގޮތުން ކުޑަ ރަށެއްކަން. އެ ރަށުގެ އެންމެ މުއްސަނދި މީހާއަކީވެސް ޖާބިރުކަން.
ކާށިދޫ ދާއިރާގެ މެންބަރު

ކައުންސިލުން ބުނަނީ ޖާބިރަށް އެ ރަށުގެ ރައްޔިތުން އަނިޔާ ނުކުރާ ކަމަށް

ނަމަވެސް މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް "ދަ ޕްރެސް" އަށް މިއަދު ވިދާޅުވީ އެ ރަށުގެ އެއްވެސް ރައްޔިތެއް ޖާބިރަށް އަނިޔާ ނުކުރާ ކަމަށާއި، އެ ރަށުގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރީ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އޮތުމުގެ ސަބަބުން ކަމަށެވެ.

އަދި ޖާބިރުގެ އަރިހުގައި މަސައްކަތް ކުރާ މުވައްޒަފަކު، ޖާބިރުގެ ފަރާތުން 80 މީހުންގެ ގޭންގެއް އެ ރަށަށް ފޮނުވާނެ ކަމަށް ބުނި ކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.

މަތިވެރި ރައްޔިތުންނަކީ ހިތްހެޔޮ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި، ނަމަވެސް ޖާބިރުގެ ސަބަބުން މިއަދު އެ ރަށުގެ އަގު ވެއްޓިގެން ހިނގައްޖެ ކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.

މަތިވެރި ޕޮލިސް ސްޓޭޝަން ތެރޭގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

މަތިވެރީ ކައުންސިލުން އެންމެ ފުރަތަމަ އެ ރަށުގެ 21،000 ފޫޓުގެ ބިމަކާއި 25،000 ފޫޓުގެ ބިމެއްގައި ގެސްޓް ހައުސްއެއް ހިންގުމަށް އަމިއްލަ މީހަކާ ދެމެދު އެއްބަސްވުމެއް ހަދައި ކުއްޔަށް ދިނީ 10 އަހަރުގެ މުއްދަތަކަށެވެ. އަދި އެ ދެ ބިމުގައި ބޮޑު އިންވެސްޓްމަންޓަކާ އެކު "ކާސާ މިއާ މޯލްޑިވްސް" ގެ ނަމުގައި ތަނެއް ހުޅުވިއެވެ. ހަތަރު ތަރީގެ ގެސްޓް ހައުސް އަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނެކެވެ.

އެކަމަކު، ގެސްޓް ހައުސްގެ ވެރިންގެ މެދުގައި ޖެހުނު މައްސަލައެއް ހައްލު ނުވެ އޮއްވައި، އެ ތަން ވަނީ ޖާބިރުގެ ރިޗް ކްލަބަށް އެ އިންވެސްޓްމަންޓް ވިއްކާލާފައެވެ.