އަންގާރަ ދުވަހު ފެށި އދގެ 76 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބަހުސްގައި ތަގުރީރު ކުރުމަށް ދިވެހިރާއްޖެއަށް ލިބުނު ފުރުސަތުގައި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރެއްވި ކުރެއްވުން ފާހަގަ ކޮށް، އދގައި ހުންނަ ފަލަސްތީނުގެ މިޝަންއިން ރާއްޖެއަށް ޝުކުރު އަދާ ކޮށްފިއެވެ.

ދުނިޔޭގެ އެންމެ އިސް ލީޑަރުން ބައިވެރިވެވަޑައިގަންނަވާ އެންމެ ވަރުގަދަ ޕްލެޓްފޯމް ގައި ތަގުރީރު ކުރުމަށް ރާއްޖެއަށް ލިބުނު ފުރުސަތުގައި، ފަލަސްތީނުގެ މައްސަލައަށް އަލިއަޅުއްވާލައްވާ، ފަލަސްތީނުގެ ހައްގުގައި ރައީސް ސޯލިހު ވަކާލާތު ކުރައްވަމުން ގެންދެވި މަންޒަރުގެ ސްކްރީންޝޮޓެއް ހިއްސާކުރަމުން ފަލަސްތީނުން ވަނީ، ފަލަސްތީނުގެ މިނިވަންކަން އަންނަނީ ކޮން ދުވަހަކުން ތޯ، ބައިނަލްއަގުވާމީ މުޖުތަމައާ ސުވާލު ކޮށްފައެވެ.

އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސް ސޯލިހު ވަނީ، ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން ތިބީ ފަލަސްތީން ރައްޔިތުންނާއެކު ކަމަށާ، ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

އދއިން ކުރި އެތައް އަހަރެއްގެ މަސައްކަތުންވެސް ފަލަސްތީން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެވިފައި ނުވާ ކަމަށާ، އިޒްރޭލުން ފަލަސްތީންގެ އަންހެން، ފިރިހެން ކުދިބޮޑު އެތައް ބައެއްގެ ހައްގުތައް ތަކުރާރުކޮށް ނިގުޅައިގަންނަމުންދާ ކަން ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައްބަޔަކު އެތައް ގައުމަކުން ފަލަސްތީންގެ ހައްގުގައި ނުކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުންކަމަށްވެސް ރައީސް ސޯލިހުގެ ތަގުރީރުގައި ވަނީ ވިދާޅުވެފައެވެ.

އދގެ ޕޯޑިއަމްގައި ހުންނަވައިގެން ވާހަކަފުޅުއެދެއްކެނީ ދުނިޔެއިން ދިވެހިރާއްޖެ ބަލައިގެންފައިވާތީ ކަމަށްވެފައި، މިލިއަނުން މީހުން ދިރިއުޅޭ ފަލަސްތީންގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯވެސް ރައީސް ވަނީ ބައިނަލްއަގުވާމީ ދުނިޔެއާ ސުވާލު ކުރައްވާފައެވެ.

ރައީސް ސޯލިހަކީ ފަލަސްތީނުގެ މައްސަލާގައި އެކި ފަހަރު މަތިން ފާޅުގައި، ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާފައި ވާ ލީޑަރެކެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު އިޒްރޭލުން ފަލަސްތީނަށް އުދުވާނީ ހަމަލާތައް ދެމުން ދިޔަ ދުވަސްވަރުވެސް ރައީސް ސޯލިހު ވަނީ ފަލަސްތީނުގެ ދިފާއުގައި ތެދުވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން، ހާރިޖީ މައިދާންތަކުގައިވެސް ދިވެހިރާއްޖެއިން ވަނީ ފަލަސްތީނުގެ މިނިވަންކަމުގެ ހައްގުގައި ތަކުރާރުކޮށް ވަކާލާތުކޮށްފައެވެ.