ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރައްވާ، އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތަކުގެ ހެކި ހުރި ނަމަ އެ އާންމު ކުރަން ރައީސް އޮފީހުން އެދިއްޖެއެވެ.

ރޭޕާއި ޖިންސީ ގޯނާގެ ދައުވާ އުފުލާފައި ވަނިކޮށް، ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގައި ހުންނަވާ ބޭއްވި ތިން ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ރައީސަށް ބޮޑު ތުހުމަތެއް ކުރައްވާފައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ އާއި ރައީސް ހަވާލުވެ ވަޑައިގަތް ކަމަށާއި ހަވާލުވެ ވަޑައިގަތީ ރެހެންދި ފްލެޓްގައި ކަމަށް ތުހުމަތު ކުރައްވާފައެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ކޮމްޕްރޮމައިޒްވާ ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ރައީސް އެހެން ވިދާޅުވެފައިވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރައްވާފައިވާ ކަމުގެ ހެކި ހުރި ނަމަ ހާމަ ކުރަން މަބްރޫކް ވަނީ އެދިވަޑައިގެންފައެވެ. މަބްރޫކް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ފަރާތްތަކުގެ ލިސްޓުގައިވެސް ރައީސްގެ ނަންފުޅެއް ނެތް ކަމަށެވެ.

ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ އަލީ ވަހީދު ވިދާޅުވީ ރެހެންދި ފްލެޓުގައި ރައީސް ކަޅު ދަބަހުގައި ފައިސާ އުފުއްލެވި މަންޒަރުގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުންގެ އަތުގައި ހުންނާނެ ކަމަށެވެ.

ރައީސް އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވިކަމަށް ތުހުމަތު ކުރެއްވުމުގެ އިތުރުން އަލީ ވަނީ އޭނާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ގޮތުންވެސް ގިނަ މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ކަމެއްގެ ގޮތުގައި އަލީ ސިފަ ކުރެއްވިއެވެ.

އަލީ ވަހީދުގެ އެވާހަކަތައް ތަހުގީގު ކުރުމަށް ގޮވާލާ މިއަދު އިދިކޮޅުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.