މޫސުމީ ނޭދެވޭ ބަދަލުތަކުގެ ކާރިސާއާ ކުރިމަތިލުމަށް އދ އިން އެކުލަވާލާފައިވާ 100 ބިލިއަން ޑޮލަރުގެ ކްލައިމެޓް ފަންޑު ހީނަރުވެފައި ވާ މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ފަރާތްޕުޅުން "ހެޔޮ ހަބަރެއް" އިވިގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް، އދގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އދގެ އިފިޝަލް މިކަން ހާމަ ކުރެއްވީ، މިހާރު ކުރިއަށް ދާ އދގެ 76 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށް ގެންދެވި ސިއްރު ބައްދަލުވުމަކަށް ފަހުގައެވެ. މި ބައްދަލުކުރެއްވުމުގައި ބައިޑަން ތަމްސީލު ކުރެއްވީ، އޭނާގެ ކްލައިމެޓް ސަފީރު ޖޯން ކެރީއެވެ.

2015 ވަނަ އަހަރު އެކުލަވާލި ޕެރިސް އެއްބަސްވުމުގެ ކުރިން، ތަރައްގީ ވެފައި ވާ ގައުމުތަކުން ވަނީ، 2020 ވަނަ އަހަރުން ފެށިގެން، 100 ބިލިއަން ޑޮލަރުގެ ފަންޑެއް ހިންގަން ވައުދުވެފައެވެ. މި ފަންޑަކީ، މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް ފަގީރު ގައުމުތަކަށް އެހީވެދިނުމުގެ މަގުސަދުގައި އެކުލަވާލި ފަންޑެއް ނަމަވެސް، މި ފަންޑަށް އަދިވެސް 20 ބިލިއަން ޑޮލަރު ބޭނުން ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ދަނޑިވަޅަކީ، މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމަށް ކުރަމުންދާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނެރެވިދާނެ ކަމުގެ އުއްމީދު ފަނޑުވެފައި ވާ ދަނޑިވަޅަކަށް ވާއިރު، އެމެރިކާގެ މަންދޫބުގެ ފަރާތުން ލިބިވަޑައިގެންނެވި މެސެޖުތަކުން، އުއްމީދު އާވާ ކަމުގެ އިޝާރާތެއް އދގެ އޮފިޝަލް ވަނީ ކުރައްވާފައެވެ.

ބައިޑަންގެ ހެޔޮ ހަބަރު ލިބިގެންދާނީ ރާއްޖެ ގަޑިން މިރޭ 18:00 ގައި ފަށާ، 76 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގައި ކަމަށް ލަފާ ކުރެވެއެވެ. އިސްވެރިންގެ ބަހުސްގެ ތާވަލަށް ބަލާއިރު، ގައުމުތަކުގެ އެންމެ އިސް ލީޑަރުންގެ ތެރެއިން އެންމެ ފުރަތަމަ ވާހަކަ ދައްކަވަނީ، ތިމާވެށީގެ ގޮތުން ބޮޑެތި ކާރިސާތަކަކާ ކުރިމަތިލާން ޖެހިފައިވާ ބްރެޒީލްގެ ރައީސް ޖެއީރު ބްލޮސޮނާރޯއެވެ.

އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް އދގެ އާންމު މަޖިލިހުގައި ތަގުރީރު ކުރައްވާ ބައިޑަން، އެޖެންޑާގެ 2 ވަނަ ނަމްބަރުގައި އޮތް އިރު، ދިވެހިރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވާނީ ބައިޑަންއަށް ފަހު، 3 ވަނަ އަށެވެ.