ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން ބައެއް ލިބިވަޑައިގަން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރައްވައިފިއެވެ.

އަލީ ވަހީދު ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ އޭރު އެމްޑީޕީގެ ލީޑާޝިޕްގައި ތިބި އެންމެ އިސް 5 މީހުންގެ ތެރެއިން މީހަކު ރެހެންދި ފްލެޓުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާއާ ހަވާލުވި ކަމަށެވެ. އޭގެފަހުން ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާއާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި މިހާރުގެ ރައީސް ސޯލިހް ފައިސާ އާ ހަވާލުވެވަޑައިގަތް ކަމަށެވެ. ރެހެންދި ފްލެޓުން އެ ފައިސާ ހަވާލުކުރެއްވީ އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށާއި ފައިސާ ހުރި ދަބަސް ހިފައިގެން އެ ފްލޓުން ނިކުތީ އެމްޑިޕީ އިސް މެންބަރެއް ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރެހެންދި ފްލެޓުން ނުކުންނެވީ ސީދާ ރައީސް ސޯލިހް ކަމެއް އަލީ ވާހީދު ހާމައެއް ނުކުރައްވައެވެ.

އަލީ ވަހީދު ވިދާޅުވީ ކަޅު ދަބަހުގައި ފައިސާ އުފުލި ސީސީޓީވީ ފުޓޭޖް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ. އެ ފުތޭޖް ބެލުމުން އަލީ ވަހީދު ދައްކަވާ ވާހަކައިގެ ހަގީގަތް އޮޅުން ފިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާފައި ވަނީ އިނގިރޭސިވިލާތުގައި ހުންވައިގެން އޮންލައިންކޮށެވެ. 3 ގަޑި އިރަށް ދިގުދެމިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަނީ އޭނާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ގޮތުންވެސް ގިނަ މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ކަމެއްގެ ގޮތުގައި އަލީ ސިފަ ކުރެއްވިއެވެ.