ސިވިލް ސާވަންޓުންނަށް މުސާރައިގެ ކުރިއެރުން ނުލިބި ލަސްވާ މައްސަލައިގައި "މަގޭ ހައްގު މަވެސް ބައިވެރިވާނަން" ނަމުގައި ފަށާފައިވާ ޕެޓިޝަންގައި މިހާތަނަށް 500 އަށް ވުރެ ގިނަ މީހަކު ސޮއިކޮށްފިއެވެ.

މިނިމަމް ވޭޖްއަކީ ސިވިލް ސާވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒިފުންގެ އަސާސީ މުސާރަކަމުގައި ހަދައިދިނުމަށް ގޮވާލާ ފެށި މި ޕެޓިޝަންގައި ބުނެފައިވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން އެއްވެސް އޮނިގަނޑެއްގައި ނެތް މުވައްޒަފުންގެ ސެޓްފިކެޓްތަކަށް އެލަވަންސްއެއް ހަމަޖައްސާ ދިނުމަކީ ހައްގެއް ކަމުގައި ދެކޭ ކަމަށެވެ.

އުންމީދަކީ ސިވިލް ސާވިސްގެ އެންމެ ދަށް ފަންތިން ފެށިގެން އެންމެ މަތީ ފަންތީގެ މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އައުން ކަމަަށް އެ ޕެޓިޝަންގައި ވަނީ ބުނެފައެވެ.

އެންމެ ފަހުގެ މައުލޫމާތަށް ބަލާ އިރު 543 މީހަކުން ވަނީ މިޕެޓިޝަންގައި ސޮއިކޮށްފައެވެ.

"ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަން" ގްރޫޕަކުން އިސްނަގައިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާއި އެހެނިހެން ދަތިތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން، ކަޅު ހެދުމުގައި ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން އިއްޔެ ވަނީ ހިމޭން އިހުތިޖާޖެއް ކޮށްފައެވެ.

މިނިމަމް ވޭޖްގެ މައްސަލަ ހޫނުވަނިކޮށް ސީއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެއީ ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާއެއް ނޫން ކަމަށެވެ. އެހެންކަމުން ވަކި ބައެއް ކަން ނޭނގޭ ގޮތަށް ހިންގާ ހަރަކާތްތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް މުވައްޒަފުން އަމަލު ނުކުރުމަށެވެ.

މިނިމަމް ވޭޖްގެ މައްސަލައިގާ މިއަދު ބައެއް ކައުންސިލްތަކުގެ މަސައްކަތް ވެސް ހުއްޓާލާފައެެވެ. އެގޮތުން މަސައްކަތް ހުއްޓާލި ބައެއް ކައުންސިލް އިދާރާތަކުގެ ތެރޭގައި ކ. ތުލުސްދޫ ކައުންސިލް އިދާރާ، ކ ހިއްމަފުށި ކައުންސިލް އިދާރާ، ކ. ދިއްފުށި ކައުންސިލް އިދާރާ، ކ. ގުރަދޫ ކައުންސިލްގެ އިރާދާ، ކ. ހުރާ ކައުންސިލް އިދާރާ، އއ. މަތިވެރި ކައުންސިލް އިދާރާ، އއ. ހިމަންދޫ ކައުންސިލް އިދާރާ، ހިމެނެއެވެ.