ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވުމަށް ފަހު ސިވިލް ސާވަންޓުންނަށް ދެއްވާނެ ކަމަށް ވިދާޅުވި މިނިމަމް ވޭޖުގެ ވައުދު ވެފައިވަނީ އެ މުވައްޒަފުން ފާޅުކުރާ ކަންބޮޑުވުންތައް މައިތިރިކުރަން ސަރުކާރުން "ތަޅާ ބޯޅައެއް" ގެ ގޮތުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިފަކޮށްފިއެވެ.

ސިވިލް ސާވަންޓުންގެ އުޖޫރައިގެ މައްސަލަ އާއި އެހެނިހެން މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކުރާ އިހުތިޖާޖާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ވެރިކަމާ ހަވާލުވުމަށްފަހު ރައީސް ސިވިލް ސާވަންޓުންނަށް މިނިމަމް ވޭޖެއް ކަނޑައެޅުމަށް ވެވަޑައިގަތް ވައުދު ވެފައިވަނީ އެ މުވައްޒަފުންގެ ކަންބޮޑުވުންތައް މައިތިރި ކުރަން ސަރުކާރުން ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައި ކަމަށާއި، ސިވިލް ސާވިސްގެ ގާނޫނުތަކާއި ހިލާފުވެ، ސިވިލް ސާވަންޓުންގެ ހައްގުތަކަށް ސަރުކާރުން އަރައިގަނެފައިވާ ކަމަށެވެ.

މިގޮތުން ސިވިލް ސާވަންޓުންނަކީ ސަރުކާރު ހިންގުމުގެ މުހިންމު މަސައްކަތްތައް ކުރާ މުވައްޒަފުން ކަމަށްވީ ނަމަވެސް، ސަރުކާރުން އަމަލުކުރަމުން ދަނީ ސިވިލް ސާވަންޓުންނަކީ ދެވަނަ ދަރަޖައިގެ މުވައްޒަފުންގެ ގޮތުގައި ކަމަށާއި އެގޮތުން އެމްޑީޕީގެ ސަރުކާރެއް އިންތިހާބުވާ ކޮންމެ ފަހަރަކުވެސް އެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތައް ކަނޑާލާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު، ސިވިލް ސާވަންޓުންނަށް ވެފައިވާ ވައުދު ފުއްދުމުގެ ބަދަލުގައި މިއަދު ފެންނަނީ ސިޔާސީ މަގާމުތައް އިތުރުކޮށް، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ، މުވައްޒަފުން މަގާމުތަކުން ސަސްޕެންޑުކޮށް ވަކިކުރާ މަންޒަރު ކަމަށާއި، މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ބިރުވެރިކަމެއްގެ މާހައުލެއްގައި ކަމަށްވެސް ކޯލިޝަނުން ބުންޏެވެ

"ސިޔާސީ މަގާމުތަކަށް ޖާގަ އިތުރުކުރުމުގެ ގޮތުން ތާކުންތާކު ނުޖެހޭ ބަހަނާތަކުގައި މުވައްޒަފުންނަށް އިންޒާރު ދިނުމާއި، ސަސްޕެންޑް ކުރުމާއި، ވަކިކުރުމުގެ އެތައް ހަރަކާތެއް އެބަ ހިންގައެވެ. ސިވިލް ސާވިސްގައި ހިމެނޭ ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު އޮފީސް މާހައުލުގައި މަސައްކަތްކުރަމުން ގެންދަނީ ވަޒީފާގެ ބިރުވެރިކަމާއި ސަރުކާރުގެ ވެރިންގެ ޖިންސީ ފުރައްސާރައިގެ ބިރުވެރިކަމުގައި ތިބެކަން ފާހަގަކުރެވިފައެވެ." ބަޔާނުގައި ވެއެވެ.

އެހެންކަމުން ސިވިލް ސާވަޓުންގެ އުޖޫރަ އާއި އިނާޔަތްތައް އަނބުރާ އިއާދަ ކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާއި އެހެނިހެން ދަތިތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން، ބައެއް ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ މިއަދު މަސައްކަތް ހުއްޓާލާފައެވެ.

ބައެއް ކައުންސިލްތަކުން މިއަދު މަސައްކަތްތައް ހުއްޓާލާފައިވާއިރު އެކަށީގެންވާ އުޖޫރަ އާ އިނާޔަތްތައް ނުލިބޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ނުކުމެ ހަމަހިމޭން އިޖުތިޖާޖެއް އިއްޔެ ކޮށްފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ނެޝަނަލް ޕޭ ކޮމިޝަނުން ވަނީ މިނިމަމް ވޭޖެއް ކަނޑައަޅާ، ސިވިލް ސާވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބުނެފައެވެ.

އޭގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމުމަށް ގޮވާލާ، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަނީ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާފައެވެ.