ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމުމަށް ގޮވާލާ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލެތް) އެވެ. ދޮން ބިލެތް ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ވޯޓުގައި ބައިވެރިވި 30 މެންބަރުންގެ އިއްތިފާގުން ވަނީ ބަލައިގެންފައެވެ.

އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ދޮން ބިލެތް ވިދާޅުވީ ދިވެހި ސިވިލް މުވައްޒަފުންނަކީ ދިވަހިރާއްޖެ ހިންގުމުގައި އަބަދު ވެސް އެންމެ އިސް ދައުރެއް އަދާ ކުރަމުން އަންނަ އެއް ބައި ކަމަށެވެ.

އެ މުވައްޒަފުންނަށް ލިބެމުންދާ އުޖޫރައަކީ އެ މުވައްޒަފުން ހުއްޓުމެއްނެތި ދެމުން ގެންދާ ހިދުމަތަށް ބަލާއިރު އެކަށީގެންވާ އުޖޫރައެއް ނޫން ކަމަށް އެމްޑީޕީން އަބަދުވެސް ދެކޭ ކަމަށް ވެސް އެކުއްލި މައްސަލައިގައި ބުނެއެވެ.

އެގޮތުން ސިވިލް ސާވިސްވެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމާ، މުސާރަ ވީ އެންމެ އަވަހަކަށް ބޮޑުކުރުމަށް އެމައްސަލާގައި ވަނީ ގޮވާލާފައެވެ.

ހަލީމް އެބިލް ހުށަހަޅުއްވާފައިވާއިރު ނެޝަނަލް ޕޭ ކޮމިޝަނުން ވަނީ މިނިމަމް ވޭޖެއް ކަނޑައަޅާ، ސިވިލް ސާވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބުނެފައެވެ. އަދި ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވާކްގެ މަސައްކަތް މިހާރު އެންމެ ފަހުގެ މަރުހަލާގައިވާ ކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ.

އެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށާ މި އާ ޕޭ ފްރޭމްވާކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި، އެއްހަމަ މިންގަނޑަކުން މުސާރައާ އިނާޔަތްތައް ކަނޑައެޅިގެންދާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

އެކަށީގެންވާ އުޖޫރަ އާ އިނާޔަތްތައް ނުލިބޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ނުކުމެ ހަމަހިމޭން އިޖުތިޖާޖެއް އިއްޔެ ކޮށްފައިވަނިކޮށެވެ.