ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާ، އެދެކަނބަލުންގެ އަރިހުގައި އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންނެވި ދިވެހި ސަރުކާރުގެ ވަފްދު، އ.ދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެ ވަޑައިގެންފިއެވެ.

އެ ފަރިއްކޮޅު ބާއްވާފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އ.ދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޭގައެވެ.

‎ރައީސް އޮފީހުން ބުނީ އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަން ރާއްޖެއަށް ހާއްސަ ވެގެންދާ އެއްކަމަކީ އެ ސެޝަނުގެ ރައީސްގެ މަގާމު ފުރަތަމަ ފަހަރަށް ދިވެއްސަކު ފުރުއްވަމުން ގެންދަވާ ކަމެވެ. މިއީ ރާއްޖެ އ.ދ. އާ ގުޅުނު ފަހުން، ބައިނަލްއަގްވާމީ މައިދާނުގައި ފާއިތުވި ދިގު މާޒީގައި މިހާތަނަށް ރާއްޖެއަށް ނުލިބޭހާ ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

‎އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ސޯލިހު ތަގްރީރުކުރައްވަން ހަމަޖެހިފައި ވަނީ މާދަމާއެވެ.

ރައީސް އޮފީހުން ބުނީ އ.ދ.ގެ އާންމު މަޖިލީހުގައި ތަގްރީރުކުރެއްވުމުގެ އިތުރުން މި ދަތުރުފުޅުގެ ތެރޭގައި، ބައެއް ގައުމުތަކުގެ އިސްވެރިންނާ ރައީސް ސޯލިހު ބައްދަލުކުރައްވާނެއެވެ.

އަދި، އ.ދ.ގެ އާންމު މަޖިލީހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ އެކިއެކި މަތީ ފަންތީގެ ރަސްމިއްޔާތުތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.