ހުޅުމާލޭގެ "ފިޔަވަތި" ގައި ހިނގަމުންދާ ކަންކަމާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން މިރޭ މާލޭގައި ކުރާ މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި އާންމުންނާއި ބައެއް ނޫސްވެރިންނަށް ވެސް އަނިޔާވެއްޖެއެވެ.

ޕީޕީއެމްގެ އޮފީސް ކުރިމަތިން މިރޭ 8 ޖަހާކަން ހާއިރު ފެށި މުޒާހަރާ މާލެ ތެރެއަށް ބަދަލުވެ މަޖީދީ މަގު ޖަންކްޝަން ކައިރިއަށް އެއްވެގެން އުޅެނިކޮށް ފުލުހުން ރޫޅާލުމުގެ ތެރޭގައި ޗެނަލް13 ގެ 2 ނޫސްވެރިޔަކަށާއި އަދި "އަވަސް"ގެ ނޫސްވެރިއަކަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަނިޔާ ލިބުނު ނޫސްވެރިންނަށް ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން އަންނަ އިރު މައުލޫމާތު ލިބިފައިވާ ގޮތުން ޗެނަލް13ގެ ނޫސްވެރިއެއްގެ ބޯވެސް ވަނީ ފަޅައިގެން ގޮސްފައެވެ.

ޗެނަލް 13ގެ ސީއީއޯ ސަމާއު އަނިޔާވެގެން އިށީނދެ / ފޮޓޯ: ޗެނަލް 13

މުޒާހަރާ ކުރަން ފުރުސަތު ނުދޭނެ ކަމަށް އިއުލާނު ކުރުމަށް ފަހު ގާނޫނީ އިންޒާރު ދިނުމަށް ފަހު މުޒާހަރާ ރޫޅާލާފައި ވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުން ކުރުމަށް ފަހުއެވެ. މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ ޝީލްޑާއި ޕެޕާ ސްޕްރޭ ބޭނުން ކޮށްފައެވެ. މި ކުރިމަތިލުންތަކާ ބައެއް އާންމުންނަށް އަނިޔާވެގެން ފަރުވާ އަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިރޭ އަނިޔާވި ނޫސްވެރިންގެ އިތުރުން، ކެމެރާ ކުރަން އުޅުނު ޗެނަލް 13 ގެ ކެމެރާމަން އެއް ވެއްޓިފައި އޮއްވާ ފުލުހުން އޭނާގެ ފައި މަތީގައި ޝީލްޑެއް ބެހެއްޓި މަންޒަރުވެސް ވަނީ ފެނިފައެވެ.

ޗެނަލް 13ގެ ކެމެރާމަންގެ ފައިމަތީގައި ފުލުހުން ޝީލްޑެއް ބަހައްޓަނީ / ފޮޓޯ: ޗެނަލް 13

މުޒާހަރާގެ ބައިވެރިން މާލޭގެ އެކި މަގުމަގުން ގޮސް މިހާރު ވަނީ ޕާޓީ އޮފީސް ދޮށަށް ގޮސް މުޒާވަރާ ނިންމާލާފައެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ މުޒާހަރާގެ ކަންކަން ވަރަށް ކައިރިން ބަލަމުން ގެންދާ ކަމަށާއި އެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މި ހަރަކާތުގެ އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިންނާއި ބައެއް ސަޕޯޓަރުން ވެސް ވަނީ ވައިވެރިވެފައެވެ. މުޒާރަހާ ބާއްވަނީ ފިޔަވަތީގައި ހިނގާ ކަންކަމާ ގުޅުވާ ނަމަވެސް މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި އަދުލު އިންސާފު ގާއިމް ކުރުމަށެވެ.