ޖެންޑާ މިނިސްޓްރީގެ ދަށުން 13 އަހަރުން ދަށުގެ ކުދިން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ހަމަނުޖެހުމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި ބައެއް ނޫސްވެރިން އަމަލުކުރި ގޮތް ބަލައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމެޓީން ނިންމައިިފިއެވެ.

ހުކުރު ދުވަހު ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅެމުން ދިޔަ ކުދިންތަކެއް ވަނީ ފުރާޅު މައްޗަށް އަރާ އެތަނަށް ބައެއް ގެއްލުންދީފައެވެ. އަދި ފިޔަވީގައި އަލިފާން ވެސް ރޯކޮށްލިއެވެ.

ހުކުރު ދުވަހު ހިނގާދިޔަ ކަންކަން ކަވަރު ކުރަން އެ ސަރަހައްދުގައި ވަރަށް ގިނަ ނޫސްވެރިން ހަރަކާތްތެރިވިއެވެ. އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އެ ސަރަހައްދަށް ވަޑައިގެން އިމާރާތުގެ ތެރެއަށް ވަންނަވާ، އެއަށް ފަހު ނިކުމެވަޑައިގަތުމަށް ފަހު މީޑިއާއަށް އިންޓަވިއުވެސް ދެއްވިއެވެ.

މި މައްސަލަ މަޖިލީހުން ބަލަމުން ދާއިރު މިއަދު އޮތް ކޮމެޓީ ބައްދަލުވުމަށް އެޗްއާރުސީއެމް އާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ރިޕޯޓެއް ހުށައަޅާފައެވެ. އެ ރިޕޯޓްގައި ޝުޖާއު އަމަލު ކުރެއްވި ގޮތާއި ނޫސްވެރިންގެ އަމަލުތައް ހުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ކޮމެޓީގެ މެންބަރުން ވިދާޅުވިއެވެ.

ކޮމެޓީގެ ބައްދަލްވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ވިދާޅުވީ ފިޔަވައްޗަށް ވަދެވަޑައިގެން ޝުޖާއު އަމަލު ކުރެއްވި ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން އެލްޖީއޭއަށް ހުށައަޅައިގެން ބެލުމަށް ހުށައެޅުއްވިއެވެ. ނޫސްވެރިންގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށައެޅުމަށްވެސް އެދިވަޑައިގަތެވެ. އެހެން ކަމުން ކޮމެޓީގެ މެންބަރުންގެ ތާއީދާއެކު އެ ގޮތަށް ވަނީ ނިންމާފައެވެ.

ކޮމިޓީގެ ނިންމުމާ ގުޅިގެން ޝުޖާއު ވިދާޅުވީ ކޮމިޓީއަށް ވަޑައިގަންނަވަން ތައްޔާރު ކަމަށާއި، ދައްކަވަން "ލައްކަ ވާހަކަ" އެބަހުރި ކަމަށް ވިދާޅުވެފައެވެ.