ގައުމަށް ދިމާވެފައިވާ މައްސަލަތަކާއި ސަލާމަތަށް ހުރި ގޮންޖެހުންތަކާ ގުޅުވާ ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކަމަށް ބުނެ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިނިވަންކަމުގެ ދިފާއުގައި ދިވެހިން،" މި ނަމުގައި ހުކުރު ދުވަހުގެ ރޭ ހެންވޭރު ކާނިވާ ސަރަހައްދުގައި ބާއްވާ ހަރަކާތް އިންތިޒާމް ކުރާ ކޮމިޓީގެ ފަރާތުން ކުރީގެ ހެލްތު މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ޕީޕީއެމުން މިފަދަ ޖަލްސާއެއް ބާއްވަން ނިންމީ ގައުމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން އާންމުން ހޭލުންތެރި ކުރުވައި، އެ މައްސަލަތައް ހުއްޓުވުމަށް ހިތްވަރު ދިނުމަށް ކަމަށެވެ.
މުޖުތަމައަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ވާތީ، މި ހަރަކާތަކީ ވަކި ޕާޓީއަކަށް ވަކި ފިކުރަކަށް އޮތް ހަރަކާތެއް ނޫން ކަމަށާއި، އެހެންކަމުން ސިޔާސީ ހުރިހާ ފަރާތްތަކަށާއި އާންމުންނަށްވެސް ދައުވަތު އަރުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ގައުމީ ހަރަކާތަކަށް ވުމާއެކު، ޖަލްސާ ދާނީ ފެއްސާއި ރަތާއި ހުދުގެ ކުލަތަކުން. މިއީ ގައުމީ ހަރަކާތެއް." ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ ކައުންސިލަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވަނީ ރާއްޖޭގެ މުހިންމު ރަށްތައް ވިއްކާލާ، ވާނުވާ ނޭނގޭ އެއްބަސްވުންތައް އެކުލަވާލާފައިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. މި ހަރަކާތަށް އާންމުންގެ ފަރާތުން ތަރުހީބު ލިބޭ ކަމަށާއި، މި އެއްބަސްވުންތަކާ ބެހޭ މައުލޫމާތުތައް ޖަލްސާގައި ހާމަ ކުރައްވާނެ ކަމަށްވެސް ރުކުމާ ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ބާއްވާ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ 8:45 ގައި އަލިމަސް ކާނިވާ ސަރަހައްދުގައެވެ.