ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާއި އެހެނިހެން ދަތިތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން، ކަޅު ހެދުމުގައި ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން މިއަދު ތިބީ ހިމޭން އިހުތިޖާޖެއްގައެވެ.

ސިވިލް ސާވަންޓުންގެ އެސޯސިއޭޝަނުން މިދިޔަ ހަފްތާގައި ކުރި އިއުލާނެއްގައި ބުނީ މިއަދު މަސައްކަތަށް ނުކުންނާނީ ކަލު ހެދުމުގައި ކަމަށާއި، ސަރުކާރުން ޖަވާބުދާރީ ނުވެއްޖެ ނަމަ، މާދަމާ މަސައްކަތް ހުއްޓާލައި، އިހުތިޖާޖު ކުރާނެ ކަމަށެވެ.

ސިވިލް ސާވަންޓުންގެ ބައެއް ޑިމާންޑުތައް

  • ސެޓިިފިކެޓު ޕްރޮމޯޝަން އަލުން ދިނުން
  • ލިވިން އެލަވަންސް ހަމަޖައްސައިދިނުން
  • ވައުދާ އެއްގޮތަށް މިނިމަމް ވޭޖް އަވަސްކުރުން
  • ދަށް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނައުން
  • ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުން
އއ. ހިމަންދޫ ސިއްހީ މަރުކަރުގެ ބައެއް މުވައްޒަފުން އިހުތިޖާޖުގައި / ފޮޓޯ: ސީއެސް އެސޯސިއޭޝަން

މިވަގުތު 26،668 މުވައްޒަފުން ސިވިލް ސާވަންޓުންގެ ގޮތުގައި މަސައްކަތް ކުރާއިރު، އޭގެ ތެރެއިން 16،593 މީހުންނަކީ އަންހެނުންނެވެ.

ސިވިލް ސާވަންޓުން މިއަދު އިހުތިޖާޖަށް ނުކުމެފައިވާއިރު، މުސާރައިގެ މައްސަލައިގައި ޑޮކްޓަރުންނާއި ނަރުހުންނާއި ޕައިލަޓުންވެސް ހިތްހަމަނުޖެހުން ފާޅުކޮށް ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެ މައްސަލާގައި ޕައިލަޓުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރި އިރު، އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ ރައީސަށް ޕެޓިޝަނެއް ހުށަހަލާފައެވެ.