އަންދާޒާކުރަނީ 2022 ވަނަ އަހަރު 2 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމު މިފަދައިން ވިދާޅުވި އިރު، އަންނަ 2022 ވަނަ އަހަރު ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް އެމްއެމްއޭއިން ހެދި ދިރާސާއަކުން ވަނީ ދައްކާފައެވެ.

މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރު 1.4 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކުރާނެ ކަމަށް އެމްއެމްއޭ އިން ކޮށްފައިވާ އަންދާޒާއަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މިނިސްޓަރުގެ އަންދާޒާއަކީ އެ އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން އަހަރު ފުރޭ އަހަރަށް ވާއިރު އެ އަހަރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު 13.5 މިލިއަނަށް އަރާނެ ކަމަށްވެސް މިނިސްޓަރު ވަނީ ލަފާ ކުރައްވާފައެެވެ.

އެމްއެމްއޭ އިން ޓޫރިޒަމް ކުރިއަށް ލަފާކޮށް ހަދާފައިވާ ދިރާސާގައި ބުނެފައިވަނީ ރާއްޖެ މިހާރު މިއޮތް ހާލަތުގައި މިއަހަރު ނިމޭއިރު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި ކޮވިޑްގެ ހާލަތު އެންމެ ރަނގަޅުވެގެންދާ ހާލަތުގައި ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާއިރު 2023 ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ދިރާސާ ރިޕޯޓުގައި ހިމަނާފައިވާ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދަށް ބަލާއިރު، މިއަހަރު ފަތުރުވެރިކަން އެންމެ ރަނގަޅު ހާލަތުގައި މިއަދަދު ހުންނާނީ 7.5 މިލިއަންގައި ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އެންމެ ރަނގަޅުވެގެން ދާ ހާލަތުގައި ފަތުުރުވެރިން ހޭދަކުރާ ރޭގެ އަދަދު 10 މިލިއަނަށް އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.