އިޓަލީގައި ދިވެއްސަކު ދަންޖައްސާފައި ހުއްޓާ ފެނުނު މައްސަލަ ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ އެމިނިސްޓްރީން ބުނެފިއެވެ.

އިޓަލީގައި ދަންޖައްސާ މަރާލާފައި ވަނީ ހދ. ނޮޅިވަރަމްފަރަށް އުފަން އުމުރުން 44 އަހަރުގެ ވައިމަތީގޭ މަހްމޫދު އިމާދެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ އިމާދުގެ މަރުގެ މައްސަލަ އާ ގުޅޭ ރިޕޯޓުތައް މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.

އޭގެ އިތުރުން އިމާދުގެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

އިމާދަކީ އިޓަލީ މީހަކާ އިނދެގެން، އެ ގައުމުގައި ދިރިއުޅެމުން ދިޔަ މީހެކެވެ. ނަމަވެސް އިމާދުގެ އަންހެނުންނާ އަންހެނުންގެ ބައްޕަ މިވަގުތު ތިބީ ރާއްޖޭގައެވެ.

އޭނާ ދަންޖައްސާފަ ހުރީ އިޓަލީގެ މިލާނުގައި ހުންނަ އޭނާގެ އަންހެނުންގެ ގޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާދު އަތުގެ އިނގިލިތައް ވެސް ބުރިކޮށްލައިފައިވާ ކަމަށް ވެސް ވެއެވެ. ނަމަވެސް އާއިލާއިން މީޑިއާގައި ބުނެފައިވާގޮތުގައި ބޭރު ފުށުން އެއްވެސް ގެއްލުމެއް ފެންނަން ނެތެވެ.