ޖެންޑާ މިނިސްޓްރީގެ ދަށުން 13 އަހަރުން ދަށުގެ ކުދިން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގައި ހުންނަ ފިޔަވަތި މަރުކަޒުގައި އަނެއްކާވެސް ރޯކޮށްލައިފިއެވެ.

އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ވިދާޅުވީ 18:55 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ސިފައިން ހަރަކާތެރިވަމުން ދާ ކަމަށެވެ. އެހެން ނަމަވެސް ސިފައިން އެތަނަށް ދިޔައިރު އަލިފާން ނިވިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި އެކަން ހިނގި ގޮތް ނޭނގޭ ކަމަށް ވެސް އެމްއެންޑީއެފްގެ ބުނެއެވެ.

ފިޔަވަތީގައި އަލިފާން ރޯކޮށްލައިފައި ވަނީ، އެތަނުގައި ތިބި ކުޑަކުދިން ތަކެއް އެތަނުގެ ފުރާޅު މައްޗަށް އަރައި އަދި އެތަނުގެ ބައެއް ކުޑަދޮރު ތަޅާލިތާ މާގިނަ އިރެއް ނުވަނީހެވެ.

ފިޔަވަތތީގައި ތިބޭ ބައެއް ކުދިން މިއަދު ފުރާޅުމައްޗައް އަރައިގެން އުޅެނީ (ސްކްރީންޝޮޓެއް)

އެހާދިސާއާ ގުޅިގެން ފުލުހުން ފިޔަވަތި ހިމެނެ ސަރަހައްދު ބަންދު ކުރި ނަމަވެސް އެކުދިން ފުރާޅުން ފައިބާފައެއް ނުވެއެވެ.

ފިޔަވަތީގައި ރެއިން ސުރެ ބައެއް ކުދިން އަޑުގަދަކޮށް ރޯ އަޑާއި ފިޔަވަތީގެ ދަނގަޑު ގޭޓުގައި އެތެރެއިން ތަޅާއަޑު އިވިގެން އެ ސަރަހައްދަށް އާންމުން ވެސް އެއްވިއެވެ. އެހެން ނަމަވެސް އެތަނުގައި އެއްވެސް ކަމެއް ނުހިނގާކަމަށް ފުލުހުން ބުނި އިރު، ފިޔަވަތި ބެލެހެއްޓުމުގެ ޒިންމާ އޮންނާ ޖެންޑާ މިނިސްތްރީން ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މިއަދުގެ ހާދިސާ ހިނގުމާ ގުޅިގެންވެސް ޖެންޑާއިން އެއްޗެއް ނުބުނެއެވެ.