އދގެ އާންމު މަޖިލީސް ހިނގަމުންދާ މާލަށް ވަންނަ ކޮންމެ މީހަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ޖަހާފައި ވާ މީހެއް ކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށް، އދގެ މަރުކަޒީ އިދާރާ ހުންނަ އެމެރިކާގެ ނިއުޔޯކް ސިޓީއިން ކަނޑައަޅުމާއެކު، މިހާރު ކުރިއަށްދާ އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، އަދި ދިވެހި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، އެކަމަށް ތާއީދު ކުރައްވައިފިއެވެ.

މި ދަނޑިވަޅަކީ، ސެޕްޓެމްބަރު 14 ވަނަ ދުވަހު ފެށި އދގެ 76 ވަނަ އާންމު މަޖިލީހުގެ އެންމެ އިސްވެރިންގެ ބައްދަލުވުމާ ދިމާކޮށް، އދގެ މެންބަރު ގައުމުތަކުން، 100 އަށް ވުރެ ގިނަ އިސްވެރިން، ނިއުޔޯކް ސިޓީއަށް ދަތުރު ކުރައްވަމުން ގެންދަވާ ދަނޑިވަޅެކެވެ. ގައުމުތަކުގެ އެންމެ އިސްވެރިންގެ އިތުރުން ހާރިޖީ ވަޒީރުންނާއި ގިނަ އަދަދެއްގެ ޑިޕްލޮމެޓުންވެސް ގެންދަވަނީ ނިއުޔޯކަށް ދަތުރު ކުރައްވާ، އދގެ އާންމު މަޖިލީހުގެ ހަވާސާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ސެޕްޓެމްބަރު 21 އިން 27 އަށް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައިވާ ޖެނެރަލް ޑިބޭޓް ނުވަތަ ގައުމުތަކުގެ އެންމެ އިސްވެރިންގެ ތަގުރީރު ދަންފަޅިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހައިބްރިޑް އުސޫލުންނެވެ. އެހެން ކަމުން، ގައުމުތަކުގެ އިސްވެރިން، ސީދާ މާލަމަށް ވަޑައިގެން ތަގުރީރު ދެއްވާއިރު، އަނެއް ބައި ގައުމުތަކުން ތަގުރީރު ހުށަހަޅާނީ ވީޑިއޯ ފޯމެޓްގައެވެ.

ނިއުޔޯކް ސިޓީގެ ކޮމިޝަނާ ފޮ އިންޓަނޭޝަނަލް އެފެއާޒް ޕެނީ އަބޭވަރުދަނާ ވިދާޅުވީ، ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް އެ ސިޓީގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވާ ކަމަށެވެ. އެގޮތުން އެތެރޭގެ އިވެންޓްތައް ނުވަތަ އިންޑޯ އިވެންޓްތަކަށް ހާއްސަ އުސޫލުތަކެއް ހަމަޖައްސާފައި ވާ ކަމަށާ، އދގެ އާންމު މަޖިލީސް ހިނގާ މާލަމަކީވެސް އެ ގިންތިއަށް ފެތޭ މާލަމެއް ކަމަށެވެ.

އާންމު މަޖިލީހުގެ ރައީސްއަށް ފޮނުއްވި ސިޓީއެއްގައި އަބޭވަރުދަނާ ވަނީ، އާންމު މަޖިލީހުގެ މާލަށް ވަނުމުގެ ކުރިންނާއި، ކެއިންބުއިމުގެ ކަންކަމުގައި މަޝްހޫލުވުމުގެ ކުރިން އަދި ކަސްރަތު ކުރުން ފަދަ ކަންކަމަށް އދގެ ކެމްޕަސް ބޭނުން ކުރުމުގެ ކުރިން، އެމީހަކީ ވެކްސިން ފުރިހަމަ ކޮށްފައި ވާ މީހެއް ކަމުގެ ހެކި ދައްކަން ޖެހޭނެ ކަމަށެވެ.

މިކަމަށް ތާއީދު ކުރައްވަމުން ޝާހިދު ވަނީ، މިއީ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތައް ހިނގާ އާންމު މަޖިލީހެއް ގާއިމު ކުރުމަށްޓަކާ އެޅޭ މުހިންމު ފިޔަވަޅެއް ކަން ފާހަގަ ކުރައްވާފައެވެ. މިކަމަކީ، ސީދާ ބައްދަލުވެގެން މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް ފުރުސަތު ފަހި ކުރަނިވި ނިންމުމެއް ކަމަށާ، އދގެ ސެކްރެޓަރީ ޖެނެރަލާއެކު މަސައްކަތް ކުރައްވައިގެން، ވެކްސިން ފުރިހަމަ ކޮށްފައި ވާ ކަމުގެ ހެކި ކަށަވަރު ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަވަމުން ގެންދަވާނެ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ނިއުޔޯކް ސިޓީގެ މޭޔާ ބިލް ޑެ ބްލާސޯއާއި އަބޭވަރުދަނާ ވަނީ، ޝާހިދުއަށް ޝުކުރު އަދާ ކުރައްވާފައެވެ.

ނިއުޔޯކް ސިޓީއިން ދަނީ އދގެ އާންމު މަޖިލީހުގެ އެންމެ މުހިންމު ބައްދަލުވުންތަކާ ދިމާކޮށް، ކޮވިޑަށް ޓެސްޓުކޮށް، ވެކްސިން ޖެހޭނެ ވަގުތީ މަރުކަޒުތަކެއް، އދގެ އިމާރާތް ހިމެނޭ ސަރަހައްދުގައި ގާއިމު ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން، 1 ޑޯޒްގެ މައްޗަށް އެކުލެވޭ ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން، އެއްވެސް އަގަކާ ނުލާ ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާ ކަމަށްވެސް މައުލުމާތު ލިބެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ގައުމުން މެންބަރުން ބައިވެރިވެވަޑައިގަންވާ ބައްދަލުވުމަކަށް އދގެ އާންމު މަޖިލީހުގެ ބައްދަލުވުން ވާއިރު، އެއީ ކޮވިޑް ފެތުރިގެން ދިއުމަށް އިންތިހާ ފުރުސަތު އޮތް ބައްދަލުވުމެއްގެ ގޮތުގައި ސިފަކުރެވެއެވެ. ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން ދަނީ އެފަދަ ކަމެއް ހިނގިޔަ ނުދީ ވޭތޯ ބެލުމަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.