ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތިމީހުން މޫދަށް އެރިއުޅޭ ރަސްފަންނަށް ކަޅު ތެޔޮ އެޅި މޫދާއި ގޮނޑުދޮށް ތަޣައްޔަރު ވެއްޖެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ރަސްފަންނު މޫދު ސަރަހައްދަށް ގިނަ އަދަދަކަށް ތެޔޮ ޖަމާވެފައި ވާތީ ކޯސްޓުގާޑު ޑައިވިން ޔުނިޓުން އެ ސަރަހައްދު ސާފުކުރަމުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ފުލުހުންވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު އިރުއޮއްސި ގާތްގަނޑަކަށް 6:30 ގައި ކަމަށެވެ.

އާންމުކޮށް މީހުން މޫދަށް އެރި އުޅޭ ސަރަހައްދު ކަޅުތެލުން ތަޣައްޔަރުވެފައި ވާއިރު، ރާޅުޖަހައި ހިސާބުގެ ވެލިގަނޑު ވެސް ވަނީ ކަޅުވެފައެވެ.

ރަސްފަންނަށް ތެޔޮ ޖަމާވަމުން ދާއިރު އިއްޔެ މާލެ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުން ވިލިނގިލި ފަރުމައްޗަށް ތެޔޮ ބޯޓެއް ވެސް ވަނީ އަރާފައެވެ.