ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އެއް ފެންމަތިވެ، އެފަދަ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމަށް ގޮވާލާ އައްޑޫސިޓީގައި އާންމުން ފެށި އިހުތިޖާޖު ހޫނުވެ ފުލުހުން ބާރުގެ ބޭނުންކޮށްފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ފުލުހުން ވަނީ ސައުތު ޕޮލިސް ޑިވިޝަން (އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ) ގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ މައުލޫމާތު ލިބިފައިވާ ގޮތުން މި އިހުތިޖާޖު ކުރަން ފަށާފައި ވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 4:30 ހާއިރުއެވެ. އިހުތިޖާޖުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުން ދިޔަ އިރު ފުލުހުން ވަނީ ޖިންސި ގޯނާ ކުރިކަމަށް ބުނާ މީހާ ފުލުހުންގެ ވެހިކަލެއްގައި ގެންގޮސްފައެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް އައްޑޫގައި ކުރިއަށް ގެންދާ މުޒާހަރާގައި މިއަދު ހަވީރު އެއްވި ބައެއް މީހުން---

މި އިހުތިޖާޖު ކުރަމުން ދަނީ ޕޮލިސް ސްޓޭޝަން ސަރަހައްދުގައާއި ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވިފައިވާ މީހާ ދިރިއުޅޭ ގޭ ސަރަހައްދުގައެވެ. އިހުތިޖާޖުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވާއިރު އައްޑޫ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުންވެސް ވަނީ މި އިހުތިޖާޖުގައި ބައިވެރިވެފައެވެ.

އިތުރަށް ޑެޕިއުޓީ މޭޔަރު ޝުއާއު ވިދާޅުވީ ކުޑަކުއްޖަކަށް މިފަދަ އަނިޔާއެއް ކުރުމަކީ ބަލައިގަނެވޭ ވަރު ކަމެއް ނޫން ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށެވެ.

އައްޑޫ ސިޓީން ބުނީ، މި ކަމުގައި އަވަސް އިންސާފުވެރި ތަހުގީގެއް ކޮށްދިނުމަށް ފުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ.

ޖިންސީ ގޯނާއާއި ދެކޮޅަށް އައްޑޫގައި ކުރިއަށް ގެންދާ މުޒާހަރާގައި އަނިޔާވި މީހެއް---

އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި އިހުތިޖާޖު ރޫޅާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުން ކޮށްފައެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުން ވަނީ އިހުތިޖާޖުގައި ބައިވެރިވި މީހުންގެ ގައިގައި މުގުރުންވެސް ތަޅާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އައްޑޫ ސިޓީގައި މިއަދު ކުރި އިހުތިޖާޖުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ފުލުހުން ބާރުގެ ބޭނުން ކުރިކަމަށެވެ. އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކޮށްފައި ވާ ކަމަށް ވެސް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވިފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ފޮރެންސިކް ޑިޕާޓްމެންޓުގައި މަސައްކަތް ކުރަމުން ދާ ފުލުހެކެވެ.