2019 ވަނަ އަހަރާ އަޅާ ބަލާއިރު، 2020 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ފަސް ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެކުންފުނިން ބޭއްވި 2020 ވަނަ އަހަރުގެ އަހަރީ އާންމު ބައްދަލުވުމުގައި އެކުންފުނީގެ ބޯޑުގެ ޑައިރެކްޓަރުން ވަނީ އެމްޑަބްލިއުއެސްސީ އަށް މިދިޔަ އަހަރު ފަސް ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަން ފާހަގަކޮށްފައިވާ ކަމަށެވެ.
އެއާއެކު، އެކުންފުނީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ބައިވަރު ކަންތައްތައް ރާވާފައިވާނެ ކަމަށާއި، އޭގެ ތެރޭގައި ކުންފުނީގެ އިންފްރާސްޓްރަކްޗަރު ރަނގަޅު ކުރުމަށާއި، އެ ކުންފުނީގެ ފަރާތުން މީހުން ހެޔޮ ގޮތުގައި ބިނާކުރުމަށް އިންވެސްޓު ކުރުމަށް ރާވާފައިވާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.
މީގެ އިތުރުން އެމްޑަބްލިއުއެސްސީން ވަނީ އެކުންފުނިން ދެމުންދާ ހިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން، މާލޭގެ އޮޕަރޭޝަން ސެންޓަރު ޑީސެންޓްރަލައިޒް ކޮށް، އިތުރު ދެ ސަރަހައްދެއްގައި ފެން ޕްލާންޓު ގާއިމް ކޮށްފައި ކަމަށާއި، އިތުރު ސްޓޯރޭޖެއް ގާއިމްކޮށް، މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި ރަށްރަށުގައި މިހާރުވެސް ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަން އެމްޑަބްލިއުއެސްސީން ވަނީ ފާހަގަ ކޮށްފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެކުންފުނިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އިޖުތިމާއީ، ސިއްހީ، ކުޅިވަރު، އަދި ތައުލީމުގެ ދާއިރާ އިން ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.
އަދި މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް އެމްޑަބްލިއުއެސްސީން އެކުންފުނީގެ މުވައްޒަފުންނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެކުންފުނީގެ އަމާޒަކީ ލުއިފަސޭހަ ކަމާއެކު ރައްޔިތުންނަށް ކުންފުނިން ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.