ދިރާގު އަމިއްލަ ޕޯސްޓްޕެއިޑަށް "އަމިއްލަ ވޮއިސް ޕްލަސް"ގެ ނަމުގައި މުޅިން އާ "ވޮއިސް" އެޑް-އޮން އެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ މަހަކު އެންމެ 175 ރުފިޔާ އަށް އެކްޓިވޭޓް ކޮށްލެވޭ އެ އެޑް-އޮން އިން ދިރާގު ނަންބަރުތަކަށް ބޭނުން ވަރަކަށް މުޅިން ހިލޭ ގުޅާލެވޭނެ ކަމަށެވެ.

މި އަހަރު ކުރީކޮޅު ތައާރަފުކުރި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑަކީ ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށްގެން ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެ ޕްލޭންއެއް ކަމަށް ވެސް ދިރާގުން ބުނެއެވެ.

އަމިއްލަ ވޮއިސް އެޑް އޮން އަކީ މިހާރު ކަސްޓަމަރުން ނަގާ ޕެކޭޖް ތަކުގައި ހިމަނާފައިވާ ހިލޭ ވޮއިސް މިނެޓްސްގެ އިތުރަށް ވޮއިސް ކޯލްސް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ތައާރަފުކުރި އެޑް-އޮން އެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެ ކަމަށާ އަމިއްލަ ޕޯސްޓްޕެއިޑްގެ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، އެ ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭނެ ކަމަށެވެ.

ވެލިއު ޕްކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި ސްޓްރީމިން އެޑްއޮންސް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ. އޭގެ އިތުރުން ސްޓްރީމިން އެޑްއޮންގައި ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެ ކަމަށާ ރާއްޖެއިން ބޭރަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސް ވެސް ހިމަނާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ އެކި އެކި ހިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށް ދިރާގުން ބުނެއެވެ.