ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ހަމަވާން ބާކީ އޮތީ ދެއަހަރު ކަމަށާއި، ރަނގަޅު ގޮތަކީ ވެރިކަމުގައި ހުންނެވުމުގެ ބަދަލުގައި އިސްތިއުފާ ދެއްވުމަށް ފަހު ގެއަށް ވަޑައިގަތުން ކަމަށް، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ރައީސަކީ އެއްވެސް އުންމީދެއް ނެތި މިވަގުތު ވެރިކަމުގައި ހުންނެވި ބޭފުޅެއް ކަމަށާއި، ވެރިކަމުގައި ހުންނެވުމުގެ ބަދަލުގައި އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ.

ހެނދުނު ތެދުވެ ވަޑައިގެން ކާރުކޮޅުގައި އޮފީހަށް ވަޑައިގެން އެމަނިކުފާނުގެ ގޮނޑިކޮޅުގައި އިށީންނަވާ ދިވެހި ރައްޔިތުންނަށް އެއްޗެއް ލިޔުއްވަން އެބަޖެހިވަޑައިގަންނަވާ؛ އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދާއި ،ގާނޫނުއަސާސީއާއި އަޅުގަނޑުގެ މެނިފެސްޓޯގައި ހުރި ކަންތައްތަކާ ހިލާފުވެ، މިހިރަ ކަންތައްތަކަށް ބަލާ އަޅުގަނޑު ހަމަހޭގައި ހުރެ އެއްވެސް ނުފޫޒެއް ނެތި މިވަގުތުން ފެށިގެން އިސްތިއުފާދީފައި އަޅުގަނޑު ގެއަށް މިދަނީއެވެ."
މުންދު

އެއާއެކު، ރައީސަކީ "ލޭމް ޑަކް ޕްރެޒިޑެންޓް" އެއްގެ ގޮތުގައި ސިފަކުރައްވައި، މުންދު ވިދާޅުވީ މިއީ މިއަދު ރާއްޖޭގެ ހާލަތު ކަމަށާއި، އެހެންވެ ރައީސްގެ އަމަލުތައް ގާތުން ބައްލަވަމުން ދާނެ ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ރައީސް މަސައްކަތް ކުރައްވާނީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތަށް ކަމަށް ވިދާޅުވެ، ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ

"އެބަޔަކަށްވެސް އެބަ ވިސްނޭ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސުވާލެއް ކޮށްގެން އޮޅުންފިލާ ފިލުމަކުން ފައިދާއެއް ވިއްޔާ އެނގޭނީ ދެއަހަރު ދުވަހުކަން. އަޅުގަނޑުމެންނާ ވާހަކަ ދެއްކީމާ ދެން އޮތް ފަސްއަހަރަށް ކަންތައްތައް އޮޅުންފިލާނެކަން. އެހެންވީމާ ދާންޖެހޭތީ މިއަދު އިބޫ އަރިހަށް ދަނީ. އެއީ ލޭމް ޑަކް ޕްރެޒިޑޭންޓަކަށް ވީމަ ވާގޮތް." މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ މި ދައުރު ނިމުމާއެކު، ރައީސް މަގާމުން ވަކިވެ ވަޑައިގަންނަވާނެ ކަމާއި، އެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން ރައީސް ކަމާއި ހަވާލުވެ ވަޑައިގަންނަވާނެ ކަން އެއީ ދިވެހިންނަށާއި ބޭރު ގައުމުތަކުގެ ފަރާތްތަކަށްވެސް ސާފު ކަމެއް ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނާއި ބައްދަލުކުރާ ބޭރުގެ ފަރާތްތަކުންވެސް ދައްކަމުން ދަނީ ޕްރޮގްރެސިވް ކޯލިޝަނުން ވެރިކަމަށް އައިސް ކުރާނެ ކަންތައްތަކުގެ ވާހަކަ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދެއްކެވި އިދިކޮޅު ކޯލިޝަނުގެ ބޭފުޅުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.