ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭ4) މިވަގުތު އެމްއެންޕީއަށް ސޮއި ނުކުރަން ނިންމަވައިފިއެވެ.

މޮސްޓާ އާއި ޖޭ4 އެމްއެންޕީއަށް ސޮއި ނުކުރަން ނިންމިކަން ހާމަ ކުރައްވާފައި މިވަނީ މާދަމާ އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށް އެ ޕާޓީން ތައްޔާރު ވެ އިއުލާން ކޮށްފައި ވަނިކޮށެވެ. އެމްއެންޕީ އުފެއްދުމަށްޓަކައި މާދަމާ 10 ޖަހާއިރު އިލެކްޝަނަށް ފޯމް ހުށަހަޅާއިރު 5000 އަށް ވުރެ ގިނަ މީހުންގެ ސޮއެ އެ ޕާޓީން މިހާތަނަށް ހޯދާއިފާ ވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި މަޖިލީހުގެ އިތުރު ހަތަރު މެމްބަރުންނާ އެކު ޕާޓީ ވުޖޫދަށް ގެނައުމުގެ މަސައްކަތް ފެށްޓެވީ މިދިޔަ ޖުލައި 15 ގައެވެ. އެމްއެންޕީ އުފައްދުމާ ގުޅޭ ގޮތުން ޖުލައި 26، 2021 ވަނަ ދުވަހު ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މޮސްޓާއާއި ޖޭ 4 ބައިވެރިވެވަޑައިގަތެއެވެ.

ނަމަވެސް ފަހުން ބޭއްވި އެ ޕާޓީގެ އެއްވެސް އިވެންޓަކުން އެ 2 ބޭފުޅުން ފެނިފައި ނުވާއިރު، އެ 2 ބޭފުޅުންނަކީވެސް ރައީސް އަބްދުﷲ ޔާމީނުގެ ޕީޕީއެމް ފިކުރުގެ 2 ބޭފުޅުންނެވެ. ނަމަވެސް އެ 2 ބޭފުޅުން މަޖިލީހުގައި ތިއްބަވަނީ އަމިއްލަ މެންބަރުންގެ ގޮތުގައެވެ.

އިލެކްޝަންސް ކޮމިޝަންގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްދޭނީ ސައްހަ 3000 މެމްބަރުންގެ ސޮޔާ އެކުކަމަށް ވާއިރު އެމްއެންޕީ މާދަމާ ރަޖިސްޓްރީ ކުރަން ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތު ފަށަނީ ބިލަބޮންގް ސްކޫލު ކައިރީގައި އޮންނަ ބުރު ޕާކުންނެވެ.

އެމްއެންޕީ އުފެއްދުމުގައި ނާޒިމްގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އުޅުއްވިއެވެ.

ނާޒިމް އާއި ރިޔާޒް އެމްއެންޕީ އުފައްދެވުމުގެ މަސައްކަތް ފެއްޓެވީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވެ.

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީން ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނާޒިމް ވަނީ އިއުލާން ކުރައްވާފައެވެ.