ރައީސް ޔާމީން މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅޭގޮތުން ލީކުވެފައިވާ، ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުން ތަކެއްގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯތަކުގެ މިނިވަން ތަހުގީގެއް ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް އެދި ޕީޕީއެމްގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ސިޓީއެއް ފޮނުވައިފިއެވެ.

އެ ޕާޓީން ޕީޖީ ހުސައިން ސަމީމަށް ފޮނުވި ސިޓީގައި ވަނީ ރައީސް ޔާމިނަށް ކޮށްފައިވާ ހުކުމަކީ، ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެވިފައިވާ "ހަރާމް ހުކުމެއް" ކަމަށް އިދިކޮޅު ކޯލިޝަނާއި ދިވެހި ރައްޔިތުން ގެންދަނީ ފެށުނީއްސުރެ ބުނަމުން ކަމަށެވެ. އަދި އެގޮތަށް ދިވެހި ރައްޔިތުންނާއި އެ ކޯލިޝަނުން ބުނަމުން ގެންދަނިކޮށް، ދާދި ފަހުން ލީކުވެގެން އުޅޭ އޯޑިއޯ ތަކަކުންވެސް މައްސަލައިގައި ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރަކު ކަމަށް ބެލެވޭ ފަނޑިޔާރުން ވަނީ، ރައީސް ޔާމީންގެ މައްޗަށް ހައްގު ނޫން ހުކުމެއް ކުރުމަށް އެ ފަނޑިޔާރުންނަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ، ރަހީނުކޮށް ބިރު ދައްކާފައިވާ ކަމަށް ބުނެފައި ކަމަށް ސިޓީގައި ބުނެފައިވެއެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް ދޮގު ހެކި ދިނުމަށް މަޖުބޫރު ކޮށްފައިވާ ކަމަށް ބުނާ އޯޑިއޯއެއްވެސް ލީކުވެފައި ވާކަމަށް ވެސް ބުނެފައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ ސައްހަކަން ދެނެގަތުމަށްޓަކައި، ލީކުވެގެން އުޅޭ އޯޑިއޯ ތަކުގެ ފޮރެންސިކް ތަހުލީލަކާއި އެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަހުގީގެއް ހިންގައިދީ އެއޯޑިއޯ ތަކުގެ އަސްލު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންގޮސްދިނުމަށް ޕީޖީއަށް ފޮނުވި ސިޓީގައި އިދިކޮޅުންވަނީ އެދިފައެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ، މިކަމަކީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ނިމުމުގެ ކުރިން ކުރެވެން ޖެހޭ ކަމެއްކަމުގައި އިދިކޮޅުން ދެކޭތީ، އެކަން އަވަސް ކޮށްދިން އެދޭ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ޕީޖީ ޝަމީމާއި މަޝްވަރާކޮށް އިތުރަށް ހިއްސާކުރަން ޖެހޭ މައުލޫމާތު ހުރީތީ، އެ ކޯލިޝަންގެ ލީޑާޝިޕާއި ޕީޖީއާއި ބައްދަލުކުރުމުގެ އެޕޮއިންޓްމަންޓަކަށް ވެސް ސިޓީގައި ވަނީ އެދިފައެވެ.

މިހާތަނަށް އެމްއެމްޕީއާރްސީ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްްގެ އޯޑިއޯ ވަނީ ލީކުވެފައެވެ. ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗުގައި ހިމެނިވަޑައިގެންފައިވާ ފަސް ފަނޑިޔާރުންގެ ތެރެއިން ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ.

ޖޭއެސްސީން ބުނީ، ގާޒީ ފާއިޒް އާއި އަލީ އާދަމް އަދި މުހައްމަދު ސަމީރު ފަރާތުން މައުލޫމާތު ސާފު ކުރުމުން އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އަދި އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެފައި ވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށް ވާ ގާޒީ އަލީ ރަޝީދު ހުސައިން އާއި އަހްމަދު ޝަކީލް އާ ސުވާލު ކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ. އަދި އެ ފަނޑިޔާރުން ވެސް އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރެއްވި ކަމަށް ޖޭއެސްސީން ބުނެއެވެ.