ގއ. ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކުރެއްވި ކަމުގެ ތުހުމަތުގައި އަތުލި އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ ފޯނު 33 ދުވަސްފަހުން އަނބުރާ ދީފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ އޭނާގެ ފޯނު އަތުލާފައި ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަމަށަވެ. އަދި މިއަދުގެ މެންދުރުގެ ވަގުތެއްގައި އަނބުރާ ދީފާ ވާ ކަމަށް އާސިފް ވަނީ ވިދާޅުވެފައެވެ.

ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތު ދޮގުކޮށް އާސިފް ވިދާޅުވީ މިއަދު މެންދުރެއް ހާއިރު ފޯނު އަނބުރާ ހަވާލުކުރި ނަމަވެސް އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުދޭ ކަމަށެވެ. އެހެންނަމަވެސް ފުލުހުންނަށް ކޮންމެ ކަމެއްގައިވެސް އެއްބާރުލުން ދެއްވާނެ ކަމަށް އާސިފް ވިދާޅުވިއެވެ.

"ކައުންސިލަކަށް އަދި ކައުންސިލްގެ ރައީސް އަކަށްވެސް އޮޕަރޭޝަނެއް ހިނގަން އުޅޭ ކަމުގެ މައުލޫމާތެއް އަންގާފައެއް އަދި ލިބިފައެއް ވެސް ނުވޭ. ކިހިނެއްތޯ ނޭނގޭ މައުލޫމާތެއް ލީކު ކުރާނީ"
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް

އިތުރަށް އާސިފް ވިދާޅުވީ އެއީ ބަޔަކު ސިޔާސީ މަންފާއެއް ހޯދުމަށް، އަބުރު ކަތިލުމަށް ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

އެ މައުލޫމާތު އާސިފް ލީކުކުރެއްވީ އާއިލާގެ މީހަކު ސަލާމަތް ކުރަން ކަމަށް ބައެއް މީހުން ތުހުމަތު ކޮށްފައި ވެއެވެ. އެކަމާ ގުޅިގެން އާސިފް ވިދާޅުވީ އާއިލާ މީހަކަށް ބެލުމެއް ނެތި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ކަމަށާއި ދުވަހަކުވެސް ކުށެއް ކުރައްވައިފައި ނުވާނެ ކަމަށެވެ.