ގއ. ދާންދޫގައި ޑިޓޮކްސިފިކޭޝަންގެ ހިދުމަތް ފަށަން ނިންމައިފިއެވެ.

މިއީ ނޭޝަނަލް ޑްރަގް އޭޖެންސީއާއި، ގއ. ދާންދޫ ކައުންސިލާއި، ދާންދޫ ސިއްހީ މަރުކަޒު ގުޅިގެން އެރަށު މަރުކަޒުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ގާތުން ހިދުމަތް ފޯރުކޮށްދެއްވުމުގެ ގޮތުން އިފްތިތާހުކޮށްފައިވާ ހިދުމަތެކެވެ.

ޑިޓޮކްސިފިކޭޝަންގެ ހިދުމަތް ދާންދޫގައި އިފްތިތާހުކޮށްދެއްވީ ދެއްވީ ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހްސާންއެވެ. މިރަސްމިއްޔާތުގައި ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީނާއި ގއ.އަތޮޅު ހޮސްޕިޓަލްގެ އިސްވެރިޔާ އަލީ ޝަމީމްގެ އިތުރުން ގއ. ވިލިނގިލީ ގެ އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހިދުމަތާއެކު، ޑިޓޮކްސިފިކޭޝަނަށް މާލެ ނުގޮސް ރަށުގައި ތިބެގެންވެސް އެ ހިދުމަތް ލިބިގެން ދާނެއެވެ. މީގެއިތުރުން އެންޑީއޭއިން ވަނީ ޑިޓޮކްސިފިކޭޝަންގެ ހިދުމަތް ހުރިހާ ރަށަކުން ވެސް ލިބޭނެގޮތް ފަހިކުރުމަށްޓަކައި ރަށްރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މަސްތުވާތަތެކީގެ މައްސަލައަކީ ރާއްޖޭގައި ޒުވާނުންގެ އިތުރުން ކުޑަކުދިންނާއި މުސްކުޅިންވެސް އޭގެ އަވައިގައި ޖެހިފައިވާ ސީރިއަސް މައްސަލައެކެވެ. ފުލުހުން ހިންގާ ޑްރަގް އޮޕަރޭޝަންތަކުގައި ކޮންމެ ފަހަރަކުވެސް ދަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ.