ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ 6 ވަނަ ދަވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

މެއި މަހު 6 ވަނަ ދުވަހު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައެވެ. އޭގެ ތެރޭގައި އެއީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތިކަމަށް ތުހުމަތުވާ އަދުހަމް އަހުމަދު ރަޝީދު (26) ހިޔާ، ވ. ތިނަދޫ، މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަހްމަދު ފާތިހު (23) ލ. ގަން، ދުންފިނިއުފާއެވެ. އޭގެ އިތުރުން އިއްޔެ ވަނީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ އާއި އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް އާއި މ. ކުދެހިގެ، އިސްހަގުގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވާފައެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގެ އަޑުއެހުމެއް މިމަހު20 ވަނަ ދުވަހުގެ މެންދުރު ފަހަށް ތާވަލުކޮށް ޗިޓު ފޮނުވިކަން "ދަ ޕަރެސް" އަށް ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިންގަވައި، މަޖީދީ މަގުގައި ހުންނެވި އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް ގޮއްވާލީ ކަންމަތީގައި ޕާކްކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެކެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވި ކަމަށާއި އަވަސް ފަރުވާ ނުދެވުނު ނަމަ ނަޝީދުގެ ފުރާނަފުޅު ސަލާމަތް ނުކުރެވުނީސް ކަމަށް އެންމެ ފުރަތަމަ ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. މިޙާރު ނަޝީދު އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވާއިރު، އެމަނިކުފާނު ވިދާޅުވެފައި ވަނީ އެހަމަލާގެ ސަބަބުން ލިބިވަޑައިގެންނެވި އަނިޔާގެ ސަބަބުން ކަނާއަތްޕުޅުގެ 3 އިންގިއްޔެއްގެ އައްސިކަން ހުންނަ ކަމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.