އެމްޓީސީސީގެ ދަތުރުފަތުރުތަކުގައި ކޭޝް ކާޑު ބޭނުން ކޮށްގެން ފައިސާ ދެއްކޭ ގޮތް ހެދުމަށް ޑިޖިޓަލް ޕޭމަންޓް ސިސްޓަމެއް ހަދަން ބީއެމްއެލް އާއި މާސްޓަކާޑާ އެކު އެ ކުންފުނިން މިއަދު އެއްބަސްވެއްޖެއެވެ.

ބީއެމްއެލްގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ. މި ރަސްމިއްޔާތުގައި މާސްޓަކާޑުން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ރާޖޭޝް މަނީ ވެސް ބައިވެރިވެވަޑައިގަތެވެ.

މި އެއްބަސްވުމުގެ ދަށުން ގާއިމްކުރާ ޑިޖިޓަލް ޕޭމަންޓު ސިސްޓަމަކީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް މިހާރު ބޭނުން ކުރަމުން އަންނަ ސިސްޓަމެކެވެ. މިއީ މާސްޓަކާޑުގެ "ސްމާޓް ސިޓީސް" ޕްރޮޖެކްޓުގެ ދަށުން ދަތުރުފަތުރު ކުރުމުގައި ލުއިގޮތްތައް ހޯދައިދިނުމަށް ގާއިމްކުރާ ސިސްޓަމެކެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޮންޓެކްޓްލެސް ޕޭމަންޓް ސިސްޓަމްތަކުގެ މުހިންމުކަން މިދިޔަ އަހަރު ވަރަށް ބޮޑަށް އެނގިފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ދަތުރުފަތުރުގެ ހިދުމަތް ހޯދާ މީހުންނަށް ފަސޭހައިން ފައިސާ ދެއްކޭ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ކުންފުންޏަށް ލިބޭ ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރި ޓިމް ސޯޔާ ވިދާޅުވީ އެ ބޭންކުގެ ކަސްޓަމަރުންނަށް ލުއި ފަސޭހަވާ ކަންކަމުގައި އިންވެސްޓު ކުރުމަކީ ބޭންކުގެ ވިޔަފާރީގެ މުހިންމު ބައެއް ކަމަށެވެ. އަދި މި ސިސްޓަމާއެކު ބޭންކުގެ ޑިޖިޓަލް ކާޑާއި މޯބައިލް ޕޭމަންޓް މެދުވެރިކޮށް ދަތުރުފަތުރުގެ ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާސްޓަކާޑުން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ރާޖޭޝް މަނީ ވިދާޅުވީ ދިވެހި ސަރުކާރާ އެކު އާ ޕްރޮޖެކްޓެއްގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.