ޖަޕާނާ ހިސާބަށް ފޯރުމުގެ ގާބިލުކަން ލިބިފައިވާ ދުރު ރާސްތާ ކްރޫޒް މިސައިލެއް، އުތުރު ކޮރެއާއިން ޓެސްޓު ކޮށްފައި ވާ ކަމަށް، އެ ގައުމުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ (ކޭސީއެންއޭ) ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، ހަފުތާ ބަންދުގައި އުތުރު ކޮރެއާއިން ޓެސްޓު ކުރި އާ މިސައިލަކީ، 1500 ކިލޯމީޓަރަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައި ވާ މިސައިލެކެވެ.

މި ޓެސްޓަކީ، އުތުރު ކޮރެއާގެ މައްޗަށް އދގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކުން ލާޒިމު ކޮށްފައި ވާ ކަންކަމާ ހިލާފު ޓެސްޓެއް ނޫން ކަމަށްވެސް ހަބަރު ލިބެއެވެ. ނަމަވެސް، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، އިގުތިސޯދީ ކާރިސާއާ ކުރިމަތިލާން ޖެހިފައި ވާ ހިނދުގައިވެސް އާ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން، އުތުރު ކޮރެއާއަށް ލިބިފައި ވާ ކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.

އުތުރު ކޮރެއާގެ މިސައިލް މަޝްރޫއާ ދެކޮޅަށް، އެންމެ ފާޅުގައި ވަކާލާތު ކުރަމުން އަންނަ އެމެރިކާގެ އަސްކަރިއްޔާއިން ބުނީ މިއީ އުތުރު ކޮރެއާގެ އަވަށްޓެރިންނާއި ބައިނަލްއަގުވާމީ މުޖުތަމައަށް ނުރައްކާ ވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް އުތުރު ކޮރެއާއިން ގެންގުޅޭ ފަލްސަފާ ދެމެހެއްޓުން ކަމަށެވެ. މިއާއެކު، އެމެރިކާއިން ވަނީ އެމެރިކާގެ ސަރަހައްދީ ބައިވެރިން ކަމަށް ވާ، އުތުރު ކޮރެއާއި ޖަޕާން ދިފާއު ކުރުމަށް، އެމެރިކާއިން ދޭ އަހައްމިއްޔަތު ކަމީ، ބަދަލު ނުވާނެ، ވަރުގަދަ ރޫހެއްގައި އޮތް ކަމެއް ކަމަށް ވެސް ބުނެފައެވެ.

އދގެ ސަލާމަތީ މަޖިލީހުން އުތުރު ކޮރެއާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކާއެކު، ބެލިސްޓިކް މިސައިލް ޓެސްޓު ކުރުމަކީ އުތުރު ކޮރެއާއަށް މަނާ ކަމެކެވެ. ބެލިސްޓިކް މިސައިލްތަކަކީ އިންތިހާއަށް ނުރައްކާތެރި މިސައިލްތަކެކެވެ. އުތުރު ކޮރެއާއިން އެންމެ ފަހުން ބެލިސްޓިކް މިސައިލްތަކެއް ޓެސްޓު ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.

އުތުރު ކޮރެއާއިން ދުރު ރާސްތާ މިސައިލެއް ޓެސްޓު ކޮށްފައި މިވަނީ، އެ ގައުމުގެ ގައުމީ ޝަރަފުގެ ހިނގާލުން، އާދައިގެ ގޮތަކަށް ކުރިއަށް ގެންގޮސްފައި ވާ ދަނޑިވަޅެއްގައެވެ.