ރާއްޖޭގައި ވެކްސިން ޖެހޭ އާާބާދީގެ 94.5 ޕަސެންޓް ވެކްސިން ފުރިހަމަކޮށް، ވެކްސިން ފުރިހަމަކުރި ނިސްބަތުން ދިވެހިރާއްޖެ އޮތީ ދުނިޔޭގެ ދެ ވަނައިގައެވެ.

ވެކްސިން ޖެހޭ އާބާދީގެ 116.4 ފަސެންޓް އާއިއެކު ވެކްސިން ފުރިހަމަކުރި ނިސްބަތުން ދުނިޔޭގެ އެއް ވަނައިގާ އޮތީ ޖިބްރޯލްޓާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އިއްޔެ ވެކްސިން ޖެހި 4051 މީހުންނާއެކު މިހާރު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 319،080 އަށް އަރާފައި ކަމަށެވެ. އޭގެތެރެއިން 388،776 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ގައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން މި މަހުގެ 11 ވަނަ ދުވަހު 4051 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފިއެވެ.

މި މަހުގެ 11 ވަނަ ދުވަހު އަތޮޅުތެރެއިން 1971 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 292 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 1679 މީހެކެވެ. ހަމައެއާއެކު މާލެއިން 2557 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 185 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 2372 މީހެކެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރު އަންނަނީ ފައިޒާ ވެކްސިން ޖަހައިދެމުންނެވެ

މާލެ ސަރަހައްދުގައި 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށް ގެންދާއިރު، ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ޖަހައި ދެމުންނެވެ.