ދަރުބާރުގޭ ސަބްސްޓޭންޝަންގައި ހުރި ޓްރާންސްފޯމަރު ބަދަލުކޮށް ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ދަރުބާރުގޭ ސަރަހައްދުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑިފައެވެ. މި މައްސަލަ ހައްލު ކޮށް ދިނުމަށް ސްޓެލްކޯ އިން ވަނީ ވަގުތީ ގޮތުން މަސައްކަތްތަކެއް ކޮށްފައެވެ.

މިކަމާ ގުޅިގެން މިއަދު ސްޓެލްކޯއިން ބުނީ، އެ ސަރަހައްދުގައި ޖެހުނު ކަރަންޓު މައްސަލައަށް މިއަދު ވާނީ ދާއިމީ ހަލެއް ހޯދައިދީފައި ކަމަށެވެ. އެ ގޮތުން ދަރުބާރުގޭ ސަބްސްޓޭޝަންގައި ހުރި ބާ ވެފައިވާ ޓްރާންސްފޯމަރު ބަދަލުކޮށްފައި ވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެ އަމާޒާ އެއްގޮތަށް، ދިމާވާ ޓެކްނިކަލް މައްސަލަތައް ވީހާވެސް މަދުކޮށް، ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ކަސްޓަމަރުންނަށް ދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް މިހާރު ސްޓެލްކޯއިން ވަނީ އެއް ވިއުގައަކަުން ހުޅުމާލެއާއި މާލެ ސަރަހއްދުގެ ކަރަންޓުގެ ހިދުމަތް ގުޅާލާފައެވެ. މީގެ ކުރިން މާލެ ސަރަހައްދުގައި ކަރަންޓުގެ ޑިމާންޑު ބޮޑުވުމާއެކު އެކި ސަރަހައްދުން ކަރަންޓު ކެނޑެން ދިމާވާ މައްސަލައަށް މި މަސައްކަތުން ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.