ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުތަކުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ހުށަހަޅައިފައިވާ މައްސަލަގެ އަޑުއެހުން ސްޕްރީމް ކޯޓުގައި މާދަމާ ފެށުމަށް ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9 ޖަހާއިރުއެވެ. އަދި ހޯމަ ދުވަހުގެ ހެނދުނު 9:00 އަށް ވެސް އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ.

މި މައްސަލަ ބަލާ ބެންޗަށް ހަމަޖައްސާފައި ވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ޑރ. މުހައްމަދު އިބްރާހީމްއެވެ.

ޔާމީނުގެ މަށްޗަށް ހުކުމް ކޮށްފައި ވަނީ މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތު ވުމުންނެވެ. މި ކުށް ސާބިތުވެ ޔާމީނުގެ މަށްޗަށް ކްރިމިނަލް ކޯޓުން ވަނީ، ނޮވެމްބަރު 29، 2021 ވަނަ ދުވަހު 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކުރި މި ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ.

ޔާމީނުގެ މައްޗަށް މި މައްސަލައިގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑިރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ވަނީ ކޮށްފައެވެ. މި ދައުވާތަކަށް ރައީސް ޔާމީން ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.