ގޭ ބަންދުގެ އިގްރާރާ ހިލާފު ކަމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުކުރައްވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ އެހެން ވިދާޅުވީ މިއަދު "އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމަލުކުރެއްވީ ގައިދީން ގޭބަންދަށް ބަދަލުކުރާ އިރު ވެވޭ އިގްރާރާ ހިލާފަށް ކަމަށް ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ވިދާޅުވުމާ ގުޅިގެންނެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން ގާނޫނާއި ގަވާއިދާ ހިލާފުކަމެއް ނުކުރައް ކަމަށާ ގޭ ބަންދުގެ އިގްރާރާ ހިލާފު ކަމެއް ވެސް ނުކުރައްވާ ކަމަށެވެ.
އަދުރޭ ވަނީ އިންސާފު ހޯދަން ރައްޔިތުން ނުކުތުމުން ސަރުކާރަށް އެކަން ހަޖަމުނުވެގެން އެކަމުގެ އަމާޒު ފަތްގަނޑަކަށް ރައީސް ޔާމީން ނުހެއްދެވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
މިއަދު ހަވީރު ޕީޕީއެމްގެ މެންބަރުން "އިންސާފު ހޯދަން" މަގުމައްޗައް ނުކުތީ 4 ޖެހިއިރުއެވެ. ޕީޕީއެމްގެ އޮފީސް ދޮރުމަތިން ފެށި ހިނގާލުން އުތުރަށް ގޮސް، ކުރީގެ ވަގުތީ ފޮރިންމިނިސްޓްރީ އާއި ހުޅުމާލެ ފެރީޓަމިނަލާ ހަމައަށް ދިޔައެވެ. އެހިސާބުން ފުލުހުން ހުރަސް އެޅުމުން، ކާނިވާ ސްޓޭޖު ސަރަހައްދަށް ވަދެ ތިބުމަށްފަހު މަގުމައްޗަށް ނުކުމެ ދެން ގޮސް ތިބީ ރައީސް ޔާމީނުގެ ގެކޮޅު ކައިރީގައެވެ.
މުޒާހަރާގެ ބައިވެރިން ޔާމީނުގެ ގެކޮޅު ކައިރިއަށް އެއްވުމުން، ރައީސް ޔަމީން ވަނީ ގެކޮޅުގެ ކުޑަދޮރުން އިސްތަށިފުޅު ދިއްކުރައްވާ މުޒާހަރާގެ ބައިވެރިންނާ ބައިވެރިވެވަޑައިގެންފައެވެ.
އެމަނިކުފާނު ޕީޕީއެމްގެ ދިދައާއާއި ގައުމީ ދިދަ ވިހުރުވަމުން ގެންދެވި އިރު ސަޕޯޓަރުން ދިޔައީ އެމަނިކުފާނަށް ހަނާ އަޅާ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވަމުންނެވެ.