ވަޒީފާގެ ފުރުސަތަށް އެދިފައިވާ ގާބިލު ދިވެހީންނަށް ވަޒީފާ ނުދީ ބޭރު މީހަކަށް ވަޒީފާގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރއްިޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރ. އަލިފުއްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ރަށުގައި ގާއިމް ކުރި ޖޮބް ސެންޓަރު މިރޭ އިފްތިތާހް ކުރުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. ރައީސް ވިދާޅުވީ ކޮންމެ މަސައްކަތަކަށް ވެސް އެކަށީގެންވާ ދިވެހިން ތިބި ނަމަ އެކަމަށް ފުރުސަތު ދެއްވާނެ ކަމަށެވެ. ވަޒީފާއަކަށް އެދި ރަޖިސްޓްރީކޮށް ވަޒީފާ ބޭނުންވެފައި ތިބި އަދި ކަމަށް އެކަށީގެންވާ މީހަކު ހުރެއްޖެ ނަމަ އެމީހަކަށް ވަޒީފާ ނުދީ ބޭރު މީހަކު ގެނައުމުގެ ފުރުސަތެއް އިކޮނޮމިކް މިނިސްޓްރީން ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިރޭ އަލިފުށީގައި ހުޅުވިގެން މިދަނީ ރަށްރަށުގައި ހުޅުވޭ ޖޮބް ސެންޓަރުތައް. އަޅުގަނޑުމެންގެ އަމާޒަކީ ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމަށްޓަކައި ކޮންމެ ރަށެއްގެ ކައުންސިލާ ގުޅިގެން ކޮންމެ ރަށެއްގައި އޭގެ ޑެސްކެއް ބެހެއްޓުން،"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ޖޮބް ސެންޓަރުގެ މަސައްކަތަކީ ސަރުކާރުން ހިންގާ ވަރަަށް މުހިންމު މަސައްކަތެއް ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގައި ވަޒީފާއަށް ބޭނުންވެފައި ތިބި ގިނަ އަދަދެއްގެ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަލިފުށީގައި ހުޅުވި ޖޮބް ސެންޓަރަކީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަަން ވެގެން ދާނެ ކަމެއް ކަމަށާއި އެ ސެންޓަރުގެ ސަބަބުން އެތައް ދިވެހިންނަށް ފުރުސަތުތައް ލިބޭނެ ގޮތަށް ކޮންމެ ކައުންސިލެއްގައި ޖޮބް ސެންޓަރުގެ ޑެސްކެއް ބަހައްޓައިގެން ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ވަޒީފާ ބޭނުންވާ ގިނަ މީހުން ތިބި ނަމަވެސް މަސައްކަތަށް ބޭނުންވާ ހުނަރު ނެތުމުގެ ސަބަބުން ގިނަ ވަޒީފާތަކެއް ހުސްކޮށް ހުރުމަކީ މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ވަޒީފާތަކަށް މީހުން ތަމްރީން ކުރުމަށް އަތޮޅުތެރޭގައި ޓިވެޓް ސެންޓަރުތައް ވެސް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަލިފުށީގައި ވެސް ޓިވެޓް ސެންޓަރެއް ގާއިމް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭ އަލިފުށީގައި ޖޮބް ސެންޓަރު ހުޅުވުމަށް އޮތް ރަސްމިއްޔާތަކީ ރައީސްގެ ދެކަނބަލުން ށ. އަތޮޅުގެ ހަތަރު ރަށަކަށާއި، ރ. އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރިޔަށް ދިޔަ ހާއްސަ މަސައްކަތެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި، ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ބައިވެރިވެވަޑައިގަންނަވައެވެ.