ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވުން ބަލައިގަނެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން ނިންމައިފިއެވެ.

އެކޮމިޓީއަށް ފައިރޫޝްގެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ފުލުހުންގެ ގާނޫނުގައި ބުނާގޮތުން ގާނޫނަށްް އަމަލުކުރަން ފަށާނީ ތަސްދީގުކޮށް ގެޒެޓުކުރާ މުއްްދަތުން ފެށިިގެން ތިން މަސް ދުވަސް ތެރޭގައެވެ. ފައިރޫޝް ރިޓަރާކުރައްވާފައި ވަނީ ގާނޫނު ގެެޒެޓްކުރިތާ ތިން މަސް ނުވަނީހެވެ.

އެ މައްސަލަ ކޮމިޓީން ތަހުގީގު ކުރުމަށް ފަހު، ކޮމިޓީން އެކުލަވާލި ރިޕޯޓު މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅާފައި ވާއިރު އެ ރިޕޯޓްގައި ލިޔެފައި ވަނީ، ޑރ. ފައިރޫޝްގެ އަމަލުތައް ޕާލިމަންޓަރީ ރިކޯޑިންތަކުގައާއި، އާންމުވެފައިވާ އޯޑިއޯ އަދި ވީޑިއޯ ރިކޯޑިންތަކުން ފެންނަން ހުރި މަންޒަރުތަކަށް ބަލާއިރު ޝަރަފުވެރިކަމާއެކު އޭނާ ވަޒީފާއިން ރިޓަޔާ ކުރެއްވުމަށް ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފުލުހުންގެ ގާނޫނު މަޖިލީހުން ފާސް ކުރުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ ޑިސެމްބަރު 27 ގައެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށީ މާޗް 27 އެވެ. ފައިރޫޝް ރިޓަޔާވެވަޑައިގަތީ މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ނަމަ، ފުލުހުންގެ ވަޒީފާއިން ވަކިކުރާ މީހުންނާއި، ފުލުހެއްގެ މަގާމުގައި ހުރެ ކުރިކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ މީހުން ފިޔަވައި، ފުލުހުންގެ ވަޒީފާއިން އަމިއްލަ އިހްތިޔާރުގައި ޝަރަފުވެރިކަމާއެކު ވަކިވެވިދާނެ ކަމަށެވެ. މިފަދަ މީހުންނަށް ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވެވޭނީ އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައިނެތް ހާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތު ވެސް އުފެދިފައި ނެތީހެވެ.