މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައި ވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ ވަރަށް ބޮޑަށް ވިސްނުމަށް ފަހުގައެވެ. އަދި މިއީ އޭނާގެ އާންމު ހިދުމަތުގެ މަސައްކަތް ނިންމާލުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ފައިރޫޝް ވިދާޅުވިއެވެ.

މަގާމުން ވަކިވެވަޑައިގަންނަވަމުން ފައިރޫޝް ވަނީ އާންމުންނަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މަސައްކަތް ކުރެއްވި މުއައްސަސާތަކާއި އެކުގައި މަސައްކަތް ކުރެއްވި އެންމެހާ މުވައްޒަފުންނަށް ވެސް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.

ފުލުހުންގެ ހިދުމަތުގައި 20 އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށްފަހު، ޖެނުއަރީ 2021 ގައި ރިޓަޔާ ކުރެއްވި ފައިރޫޝް ސަރުކާރުގެ ސިޔާސީ މަގާމަކަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެގޮތުން ޖެނުއަރީ 2024 ގައި އޭނާ ފުރަތަމަ އައްޔަންކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މަގާމުން، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ފައިރޫޝް ބަދަލުކުރެއްވީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ޑރ. ފައިރޫޝްއަކީ ފުލުހުންގެ މުއައްސަސާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައި، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި ސަރުކާރުގެ ރަސްމީ އިދާރާއަކުން ހާމައެއް ނުކުރެއެވެ.