އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވި ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާމަންޓު އިވެންޓުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައި ނުގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ފައިރޫޝް ރިޓަޔާ ކުރައްވާފައި ވަނީ އިއްޔެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިރޫޝް ރިޓަޔާ ކުރެއްވުން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރުމުގެ ގޮތުން ވަނީ ބައެއް ހަފުލާތައް ބާއްވާފައެވެ.
އެގޮތުން އެފަދަ ހަފްލާއެއްގައި ރައީސް، ފައިރޫޝްއާ ބައްދަލު ކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ފައިރޫޝްގެ ހިދުމަތަށް ތައުރީފު ކުރައްވާފައިވާ ކަމަށް ވެސް އަޑުތައް ވަނީ އަރާފައެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ރައީސް އަށް ވަނީ އަމާޒުވެފައެވެ.
އެކަމާ ގުޅިގެން ރައީސްގެ ތަރުޖަމާނު އިބްރާހިިމް ހޫދު ވިދާޅުވީ އެފަދަ އިވެންޓެއްގައި ރައީސް ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށެވެ.
ފައިރޫޝް އިއްޔެ ރިޓަޔާ ކުރައްވާފައި ވާއިރު ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ، އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމު ފުރުއްވުމަށް ފަހު ފައިރޫސް ރިޓަޔާ ވެވަޑައިގަތީ ޕޮލިހުގައި 20 އަހަރު ދުވަހު ހިދުމަތެއް ކުރެއްވުމަށް ފަހުގައި ކަމަށެވެ.
އަދި ޕޮލިހުގައި އެ 20 އަހަރު ދުވަހު ކުރެއްވި ހިދުމަތަކީ ރައްޔިތުންނަށާއި ފުލުހުންނަށް އަގު ހުރި ހިދުމަތްތަކެއް ކަމަށް ސީފީ ހަމީދު ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާ ކުރައްވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް ފައިރޫޝަށް އިތުރު ކާމިޔާބާއި ތަރައްގީއަށް އެދިވަޑައިގަންނަވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ފައިރޫޝް އަށް ހެޔޮއެދިވަޑައިގެން ސީޕީ ވާހަކަ ދެއްކެވުމުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.
ފައިރޫޝް ރިޓަޔާ ކުރައްވާފައި ވަނީ ފުލުހުންގެ އާ ގާނޫނަކަށް އަމަލު ކުރަން ފެށިތަނާއެވެ. އެ ގާނޫނަށް ގެނެވުނު އިސްލާހުގެ ތެރޭގައި ފުލުހުންގެ ތެރޭގައި ނުވަތަ ފުލުހުން އެހެން ބަޔަކާ ބައިވެރިވެގެން ބަޢާވާތް ކޮށްފި ނަމަ، ނުވަތަ ބަޢާވާތެއް ކުރަން އުޅެފި ނަމަވެސް އެއީ ކުށެއް ކަމަށް ބުނެފައި ވެއެވެ.
އޭގެ އިތުރުން އެފަދަ ކަމެއް ކުރަން ރޭވުން، އެފަދަ ކަމަކަށް ހިތްވަރު ދިނުން، އެހެން ބަޔަަކު ކުރާކަން ނުވަތަ ކުރަން ރާވާކަން އެނގިހުރެ އެކަން ސިއްރު ކުރުމަކީވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.